ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެ ޤައުމުގެ އިންތިޤާލީ ސަރުކާރުން ހިތްހަމަނުޖެހި ޙަސީނާ މިހާރު ދިރިއުޅުއްވަމުންދާ އިންޑިޔާގެ ސަރުކާރަށް ޝަކުވާ ކޮށްފިއެވެ.
2009ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ޙަސީނާ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެެއްވައި ޤައުމު ދޫކޮށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހެވެ. އެއީ އެ ޤައުމުގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން މުޒާހަރާ ކުރުމުން މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމާ ގުޅިގެން މުޒާހަރާތައް ހޫނުވެ އިސްތިޢުފާ ދިނުމަށް ޙަސީނާއަށް މަޖުބޫރު ވުމުންނެވެ. ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޙަސީނާ ވަނީ ޤައުމުން ބޭރުގައި ހުންނަވައި ބަންގްލަދޭޝްގެ ރައްޔިތުންނާއި އޭނާގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި އިންޓަނެޓު މެދުވެރިކޮށް ހިޠާބެއް ދެއްވައިފައެވެ. އެ ހިޠާބުގައި އޭނާ ވަނީ ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރަކީ ދުސްތޫރީ ހަމަތަކާ ޚިލާފަށް ބަންގްލަދޭޝްގެ ވެރިކަން ޖަހައިގެންފައިވާ ޣައިރު ޤާނޫނީ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި ސަރުކާރާ ދެކޮޅަށް ޢާންމުން ތެދުވުމަށް އޭނާ ވަނީ ހިތްވަރު ދެއްވައިފައެވެ.
އެ ހިޠާބާ ގުޅިގެން ބަންގްލަދޭޝްގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަން ވަނީ އިތުރުވެފައެވެ. އެ ޤައުމުގެ އެތައް ހާސް ބަޔަކު ވަނީ ޙަސީނާގެ ހިޠާބު ހުއްޓުވުމަށް މަސައްކަތް ކޮށް އޭނާގެ ވާހަކަތަކާމެދު ނުރުހުން ފާޅުކޮށްފައެވެ. އެ ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ ޙަސީނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ ބާނީ ޝައިޚް މުޖީބުއްރަޙްމާންގެ ގެކޮޅުގައި ރޯކޮށްލުމަށް މަސައްކަތް ކޮށް އެ ގެކޮޅަށް ގެއްލުން ދީފައެވެ. އެ މީހުން ޤަބޫލު ކުރަނީ ޙަސީނާ އައު ސަރުކާރަށް ގޮން ޖައްސަވާފައިވާ ކަމަށެވެ.
ޙަސީނާގެ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ ކަން ހުއްޓުވުމަށް މަގެއް ފެނޭތޯ ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ޤައުމުގައި ހުންނަވާ އިންޑިޔާގެ ވަގުތީ ހައި ކޮމިޝަނަރަށް ޝަކުވާ ކޮށްފައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ބުނީ ޙަސީނާގެ މައްސަލައިގައި އިންޑިޔާއިން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް އިންޑިޔާގެ ކިބައިން އެދިފައިވާ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޚްތިރާމުގެ ރޫހުގައި ވެސް, ފިތުނަ އުފެއްދުމުގެ ބޭނުމުގައި ޙަސީނާ ހަޤީޤަތެއް ނެތް, ދޮގު ވާހަކަތައް ދެއްކެވުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަ ކޮށްފައި ވެއެވެ.
ބަންގްލަދޭޝްގެ އެދުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ޤައުމުގައި ހުންނަވާ ބަންގްލަދޭޝްގެ ވަގުތީ ހައި ކޮމިޝަނަރު ހާޒިރު ކޮށް, ބަންގްލަދޭޝްގެ ރަސްމީ އިދާރާތަކުން މަސްރަހު ގޯސްވައި ފަދަ މޭރުމަކުން ވާހަކަ ދައްކަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ. އިންޑިޔާގެ ޚަރިޖީ ވުޒާރާއިން ބުނީ ޙަސީނާ ދެއްކެވި ވާހަކައެއް ދެއްކެވީ އޭނާގެ އަމިއްލަ ޙައިސިއްޔަތުން ކަމަށާއި އޭނާ ދެއްކެވި ވާހަކަތައް އިންޑިޔާއާ ގުޅުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށެވެ. އިންޑިޔާއާ ބަންގްލަދޭޝާ ދެމެދު އޮންނަ ގުޅުމަކީ ދެ ޤައުމުގެ މަސްލަހަތަށް ވެސް ފައިދާ ހުރި ގުޅުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އިންޑިޔާއިން މަސައްކަތް ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. ކަންތައްތަައް އިތުރަށް ގޯސް ނުކޮށް, ބަންގްލަދޭޝުން ވެސް އެގޮތަށް ޢަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
ޙަސީނާގެ އިސްތިޢުފާއަށް ފަހު ބަންގްލަދޭޝްގައި އުފައްދާފައިވާ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދަނީ ނޮބެލް ސުލްޙައިގެ އިނާމު ޙާޞިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. 170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އަދިވެސް އޮތީ ހަލަބޮލިވެފައި ކަމަށް ވާތީ އަދިވެސް ހަމަނުޖެހުންތަކާއި މުޒާހަރާތައް އެ ޤައުމުގައި ކުރިއަށް ދެއެވެ. އެހެންކަމުން ޤައުމުގައި ޤާނޫނާއި ޤަވާއިދު ދެމެހެއްޓުމުގައި ސަރަުކާރުން ދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ. ޔޫނުސް ވަނީ ޙަސީނާއާއި ޙަސީނާގެ ޢާއިލާއާއި އޭނާގެ ޕާޓީ, އަވާމީ ލީގުގެ އިސް ވެރިންގެ މުދަލަށް އަމާޒު ކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ޢާންމުންނަށް ގޮވައިލައްވައިފައެވެ. ޤައުމުގައި ޤާނޫނާއި ޤަވާއިދު ނެގެހެއްޓުމަށް ނުކުޅެދިއްޖެ ނަމަ ދުނިޔެއަށް އެ ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.