ކުޅިވަރު

އިންޑިއާގެ އަމްޕަޔަރުން ޗެމްޕިއަންސް ޓްރޮފީ ބޮއިކޮޓް ކޮށްފި


އިންޑިއާގެ މަޝްހޫރު ކްރިކެޓް އަމްޕަޔަރު ނިތަން މެނަން ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ޕާކިސްތާނަށް ނުދާން ނިންމައިފިއެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މުބާރާތަށް ނެގި އިންޑިއާގެ ހަމައެކަނި އަމްޕަޔަރަކީ ވެސް އޭނާ އެވެ. ނަމަވެސް ޕާކިސްތާނުގައި ބާއްވާ މުބާރާތަށް ނުދާން ނިންމީ އަމިއްލަ ސަބަބަތަކެއް މަތިކޮށްފަ އެވެ. މިކަމުގެ ތަފްސީލެއް އިންޑިޔާގެ އެއްވެސް ފަރާތަކުން ނުބުނެ އެވެ.

ދެކުނު އޭޝިޔާގެ އެންމެ ބޮޑު ދެ ހަތުރުންނަކީ އިންޑިޔާ އާއި ޕާކިސްތާނެވެ. މި ހަތުރުވެރިކަމުގައި 2012 ވަނަ އަހަރު އިންޑިޔާގެ ތާޖް ހޮޓަލް ގޮއްވާލީ ޕާކިސްތާނުން ކަމަށް ތުހުމަތުކޮށް ޕާކިސްތާނަށް އިންޑިޔާ މީހުން ދިއުމަކީ މިހާރު އިންޑިޔާ ސަރުކާރުން މަނާކޮށްފައިވާ ކަމެކެވެ. އެއީ ސިޔާސީ އަދި ސަލާމަތީ ސަބަބުތަކާހެދި އެވެ. މިހެންވެ ޕާކިސްތާނުގައި ބާއްވާ މުބާރާތަށް އިންޑިޔާގެ ގައުމީ ޓީމު ވެސް ނުފޮނުވަން ވަނީ ނިންމާފަ އެވެ. އެ ގައުމުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ޑުބާއީގަ އެވެ.

ނިތަން ޕާކިސްތާނަށް ނުދާނެ ކަމަށް ބުނެފައިވާއިރު އައިސީސީގެ އެލީޓް ލިސްޓުގައިވާ އިންޑިޔާގެ މަޝްހޫރު ރެފްރީ ޖަވަގަލް ސްރީނާތު ވަނީ މި މުބާރާތާ ދިމާކޮށް ޗުއްޓީ އަށް އެދިފަ އެވެ. ނަމަވެސް އޭނާ ދަނީ އިންޑިޔާ އާއި އިންގްލޭންޑް މިހާރު ކުޅެމުންދާ މެޗުތަކުގައި ރެފްރީކަން ކުރަމުންނެވެ.

"އެއީ ތެދެއް. އަހަރެން ވާނީ ޗުއްޓީ އަކަށް އެދިފައި. ސަބަބަކީ މިދިޔަ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ މަހު ވެސް އަހަރެން ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވުން،" ސްރީނާތު ބުންޏެވެ.

އޭނާގެ މި ނިންމުމާއެކު މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުން އިންޑިޔާގެ އެއްވެސް ރެފްރީއަކު ނުފެންނާނެ އެވެ.

އިންޑިޔާގެ ރެފްރީން ބައިވެރި ނުވި ނަމަވެސް އައިސީސީގެ އަމްޕަޔަރު އަދި ރެފްރީންނާ ކަންކަމާ ބެހޭ ސީނިއާ މެނޭޖަރު ޝޯން އީސޭ ބުނީ މުބާރާތުގައި ބައިވެރިވާ ރެފްރީންނަށް ވަރަށް އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަހަރުމެން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފެންވަރު ރަނގަޅު، މޮޅު ރެފްރީން މި މުބާރާތަށް ނަގަން. ސަބަބަކީ މިފަދަ އެންމެ މަތީ ފެންވަރުގެ ވާދަވެރި މެޗުތަކުގެ ހައްގުވެރިންނަކީ އެމީހުން ކަމަށްވާނެތީވެ. މި މުބާރާތުގައި ބައިވެރިވާ ރެފްރީންނަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ،" ޝޯން އީސޭ ވިދާޅުވި އެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ބާއްވާ މުބާރާތުގައި ވާދަކުރާނީ އަށް ގައުމެކެވެ. ޗެމްޕިއަންސް ޓްރޮފީގައި އިންޑިޔާ ހިމެނެނީ ގްރޫޕް އޭ ގަ އެވެ. މި ގްރޫޕުގައި އިތުރަށް ހިމެނެނީ މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.