ކުޅިވަރު

ރެފުރީންނާ ކުޅެން ހަދައިގެން ރެއާލް މެޑްރިޑް ބާކީވެއްޖެ: ލަލީގާގެ ރައީސް


ސްޕެނިޝް ލީގުގެ ރެފުރީންނާ ދެކޮޅަށް ރެއާލް މެޑްރިޑުން ޖެއްސި މައްސަލައިގައި އެ ކުލަބާ ބައިވެރިވާނެ ބަޔަކުނުވެ، ބާކީވެފައިވާ ކަމަށް އެ ލީގުގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވެއްޖެއެވެ.

ލީގުގެ ރައީސް ޓެބާސް ވިދާޅުވީ ރެފްރީންނަށް ހަމަލާ ދޭން ރެއާލް މެޑްރިޑުން މަސައްކަތް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.

ރެއާލް މެޑްރިޑުން ސްޕޭނުގެ ކުޅިވަރުގެ ކަންކަމާ ބެހޭ އެންމެ މަތީ ކައުންސިލް ކަމަށްވާ ސްޕްރީމް ސްޕޯޓްސް ކައުންސިލަށް ސިޓީ ފޮނުވީ އެކުލަބާ ދެކޮޅަށް ރެފްރީން މަސައްކަތް ކުރާ ކަމަށާއި އެކަން ހައްދު ފަހަނައަޅައިފި ކަމަށް ބުނެ އެވެ. އެއީ ލީގުގައި އެސްޕަނިޔޯލް އަތުން 1-0އިން ބަލިވެ އެއް ޕޮއިންޓަށް ލީޑު ހަނިވި މެޗަށް ފަހު އެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ އެސްޕަނިޔޯލްގެ ކާލޮސް ރޮމޭރޯ އެވެ. ރެއާލް މެޑްރިޑުން ގަބޫލު ކުރަނީ މި ކުޅުންތެރިޔާ އަކީ ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭ އަށް ކުރި ފައުލުގެ ސަބަބުން ލަނޑު ޖެހުމުގެ ކުރިން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަންޖެހޭ ކުޅުންތެރިއެއް ކަމަށެވެ.

ރެއާލްގެ ސިޓީގައި ބުނެފައިވަނީ އެ މެޗުގެ ވީޑިއޯ އެސިސްޓެންޓް ރެފްރީންނާއި ދަނޑުމަތީގައި ތިބި ރެފްރީން ވެސް އެސްޕަނިޔޯލް ކޮޅަށް ޖެހިފައިވާ ކަމަށެވެ.

ނަމަވެސް މި ކަމާ ގުޅިގެން ބޭއްވި ބައްދަލުވުމަށް ރެއާލް ހާޒިރެއްނުވެ އެވެ. ލަލީގާގެ ރައީސް ޓެބަސް ވިދާޅުވީ ރެއާލް މެޑްރިޑުން ބޭނުންވަނީ މައްސަލަ ބޮޑުކޮށްލައި މުބާރާތް ހޫނުކޮށްލަން ކަމަށެވެ.

"އެމީހުން އަމިއްލަ އަށް ވާހަކަ އެއް ހަދަނީ އަމިއްލަ އަށް ވިކްޓިމް އަކަށް ވެގެން. މި މައްސަލަ މިހާރު ވަނީ ހަމައިން ނައްޓާފައި. އެމީހުން އަތުން މި މައްސަލައިގެ ކޮންޓްރޯލް ގެއްލިއްޖެ. އެމީހުން އެކަނިވެއްޖެ. ފުޓްބޯޅަ އޭގެ ޒާތުގައި ނުދާނެ ރެއާލް މެޑްރިޑާހެދި،" ޓެބަސް ވިދާޅުވި އެވެ.

ލަލީގާއިން ރެއާލް މެޑްރިޑާ ދެކޮޅަށް ވާހަކަ ދެއްކިއިރު ޓަބެސް ވަނީ މި ފަހުން އެކުލަބު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެއީ ގަވާއިދުން ބޭރުން ސްޕްރީމް ސްޕޯޓްސް ކައުންސިލްގެ ހުއްދަ ހޯދައިގެން ބާސެލޯނާގެ ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ކުރި މަސައްކަތް ހުއްޓުވަން ލީގުން އުޅުނުއިރު އެކަމަށް ރެއާލް މެޑްރިޑުން އެއްބާރުލުން ނުދިނުމުންނެވެ.