ޚަބަރު

އެމްބީއޭ ޗެމްޕިއަންޝިޕުގައި ރެޕްޓާސް އާއި ކިންގްސްއަށް ދެވަނަ މޮޅު


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި ކިންގްސް ބާސްކެޓްބޯލް ކުލަބާއި ރެޕްޓާސް ބާސްކެޓްބޯލް ކުލަބުން ކުޅުނު ދެވަނަ މެޗުންވެސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ސޯޝަލް އިންޑޯގައި ކުރިޔަށްދާ މި މުބާރާތުގައި ކިންގްސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް އާއި ވާދަކޮށް 57 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 116 ޕޮއިންޓު 57 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސްގެ އަބްދުﷲ އަމްޒަރު މުޙައްމަދެވެ.

މުބާރާތުގައި ކިންގްސް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޓެލޯންސް ބާސްކެޓްބޯޅަ ކުލަބާއި ވާދަކޮށް 87 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. އެއީ 134 ޕޮއިންޓު 47 ޕޮއިންޓުންނެވެ.

ރެޕްޓާސް ކުޅުނު ދެވަނަ މެޗުން މޮޅުވީ ޑީ ބާސްކެޓްބޯޅަ ކުލަބާ ވާދަކޮށް 101 ޕޮއިންޓު 50 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޕްޓާސްގެ އަބްދުﷲ އަލާން އިރުފާނެވެ. މުބާރާތުގައި ރެޕްޓާސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބާއި ވާދަކޮށް 25 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 89 ޕޮއިންޓު 64 ޕޮއިންޓުންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނެނީ ރެޕްޓާސް އާއި ރޯޔަލްސްގެ އިތުރުން ޑީބީސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކިންގްސް އާއި ޓެލޯންސްގެ އިތުރުން ޔޫއެން ފްރެންސް އެވެ. ގްރޫޕް ސީގައި ޓީރެކްސް އާއި ސްޓިންގާސް އަދި ފީނިކްސް ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ ރެޑްވިންސް ސްޕާޓަންސް އަދި ހުޅުމާލެ އެވެ.

ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމެއް އެމްބީއޭ ކަޕަށް ކޮލިފައިވާނެއެވެ. ޖުމްލަ ފަސް ޓީމާއެކު އެ މުބާރާތް ބާއްވާއިރު، ފަސްވަނަ ޓީމަކީ ހަތަރު ގްރޫޕުގެ ތެރެއިން ދެވަނައަށް ރޭންކުކޮށްފައިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމެވެ. މި މުބާރާތަށްފަހު ޝީލްޑު މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ މުބާރާތުގައި ދެވަނައަށް ރޭންކޮށްފައިވާ ބާކީ ތިން ޓީމުގެ އިތުރުން ތިންވަނައަށް ރޭންކުކޮށްފައިވާ އެންމެ ރަނގަޅު ޓީމަށް ފުރުސަތު ލިބިގެންދާނެ އެވެ. ފަސްވަނަ ޖާހައަކީ ޕްލޭއޮފް ޖާގައެކެވެ.