ޚަބަރު

ތަރައްގީގެ ރޮނގުން ކުރިއެރުން ހޯދުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދުރުވިސްނުންފުޅަށް ވަޒީރުންގެ ތައުރީފް


  • ރިޔާސީ ބަޔާން 2025 ފޯރަމްގައި 4 ވަޒީރުން ބައިވެރިވެވަޑައިގެންނެވި

  • ވަޒީރު ސަޢީދު ވިދާޅުވީ ރައީސް ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމު ބަނގުރޫޓް ވިޔަ ނުދީ ސަލާމަތް ކުރުންކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ރާއްޖެއަށް ތަރައްގީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވިދާޅުވެއްޖެއެވެ.

ވަޒީރުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ހާއްސަ ފޯރަމްގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބެއްވި މި ފޯރަމްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ ބަޔާން 2025 ފޯރަމްގައި 4 ވަޒީރުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ތަޢުރީފްކުރައްވާފައެވެ. އަދި ރިޔާސީ ބަޔާނުގައި ހިމެނޭ އެ ވަޒީރުންގެ ދާއިރާއާ ގުޅޭ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށުގައިކަމަށާއި އެކަންކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި ޤައުމު އޮތް ހާލަތު ރަނގަޅުކުރައްވައި ޤައުމު ބަނގުރޫޓް ވިޔަނުދީ ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" 125 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވި،. އެ ދަރަނީގެ %60 އަކީ ނިމިދިޔަ ސަރުކާރުން އުފެއްދި ދަރަނި. އޭގެ ބޮޑުބައި އާމްދަނީ ނުލިބޭނެ ގޮތަށް ހުރި ދަރަނި. 8000 މިލިޔަން ރުފިޔާގެ ޗާޕް ނެރެފައިވާ. ރުފިޔާގެ އަގު ވައްޓާލަން. ކަންކަން ރަނގަޅުކުރުމަށް ކުރު މުއްދަތުގެއް ތެރޭގައި އެހާ ޑީޓެއިލްކޮށް ރައީސް އޮފީހުން މަސައްކަތް ކުރި ސަރުކާރެއް މި ނޫނިއްޔާ ނުދެކެން." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ މިއަދު ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ ފަހުގެ ތާރީހެއްގައި އެންމެ ތަފްޞީލީކޮށް ރައްޔިތުންނަށް ބޭނުންވާކަންކަން ހިމެނިގެން ހުށައެޅުއްވި ރިޔާސީ ބަޔާންކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރިއަށްގެންދަވާނެ ގޮތް ހިއްސާކުރައްވާފައިވާކަމަށެވެ. މީގެއިތުރުން ރައީސްގެ ޕްލޭނަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ވަރަށް ކައިރިން ފެނިގެން މިދިޔައީ ރައީސް 1 އަހަރު ދުވަހު ކުރެއްވި މަސައްކަތްތައް. ބައިނަލްއަޤްވާމީ ގޮތުން ކުރި ގުޅުންތައް ރަނގަޅުކޮށް ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ރައްޔިތުންނަށް ފައިދާވާ ކަންކަން ހޯދައިދިނުން." މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި އުމްރާނީ ތަރައްޤީގެ 40 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް އެކި ކުންފުނިތަކާއެކު ސޮއިކޮށްފައި އޮތުމުން އައު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވިކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކޮށް އެކަންކަން ކުރިއަށްގެންދިޔުމަށް މަގުތަކެއް ރައީސް ހޯއްދެވިކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްސަގޮތެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޕްލޭނަށް ވަޒީރު ތަޢުރީފްކުރައްވާ އެކަންކަން ރައީސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"ހަޤީގަތުގައި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންތައްތަކުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަލަށް ފަށާ މަޝްރޫޢުތައް ހިއްސާކުރި. މިކަންކަމުގެ ނަތީޖާ ނެރެދެވޭނެ އަހަރަކަށް މިއަހަރު ވާނެ. ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ. ރައީސްގެ ވިޝަންއަކީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރާނެ މަގު ތަނަވަސްކޮށްދިނުން" އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކުރިއެރުވުމަށް ރަނގަޅު ޕްލޭންތަކެއް ހަދާފައިވާކަމަށާއި މިއަހަރު އެކަންކަން ތަންފީޒްވެގެންދާނެކަމަށެވެ. އަދި ރައީސްގެ ތަޞައްވުރަކީ މަސް ޕްރޮސެސިންނާއި މަސް ރައްކާކުރެވެނެ ނިޒާމް އިތުރުކުރުންކަމަށާއި އެމަނިކުފާނުގެ ޒަޢާމަތުގައި މަސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައިސް ހޯދުމަށް މަސްދޯނިތައް ދުއްވާ ދުއްވުމަކީ ބޮޑު ހެދައެއް. އެހެންކަމުން އޮޑިދޯނު ފަހަރުގައި މަސް ފިނުކުރެވޭނެ ނިޒާމް ފަސޭހައިން ޤާއިމްކުރެވޭނެ ގޮތް މިވަނީ ހަމަޖައްސާދީފައި. ބޮޑު ބަދަލުތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެން އެބަދޭ." މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ މިހާރުގެ ހާލަތު ވަރަށް ތަފްސީލީ ގޮތެއްްގައި ހާމަކުރެއްވިއެވެ. އަދި މިދިޔަ އަހަރެއްްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އެކި ދާއިރާތަކުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ. އެގޮތުން، ޤައުމުގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި އިގްތިސާދު ހަމަ މަގަށް އެޅުމަށް ކުރައްވާ ކަންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޤައުމުގެ މިހާރުގެ ހާލަތާއި، މިއަހަރު ކުރިއަށްގެންދަވާނެ މަޝްރޫއުތަކާއި މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހިއްސާކުރެއްވިއެވެ.