ޚަބަރު

މުޅި ރާއްޖެއަށް އޭޓީއެމް: ޚިދުމަތް ބަލައިގަނެ ފައިސާގެ މުއާމަލާތްތައް އިތުރުވަނީ


  • މުޅި އޭޓީއެމް ނެޓްވާކަށް މިދިޔަ އަހަރު ވަނީ 17.1 ބިލިޔަން ރުފިޔާ ޖަމާކޮށްފައި

  • މިދިޔަ އަހަރު ބެހެއްޓި އޭޓީއެމްތަކުން 3 ލައްކަ މުއާމަލާތްކުރި

އަމިއްލަ ރަށުގައި ތިބެގެން ފައިސާގެ މުއާމަލާތްތައް ކުރުމަކީ އާބާދީ ކުދި ރައްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެކެވެ. ނަމަވެސް މިއީ މީގެކުރިން އެ ފަރާތްތަކަށް ފެންނާނެކަމަށް ހީކުރި މަންޒަރެއްނޫނެވެ. ނަމަވެސް މި ސަރުކާރުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ނަމުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިންމާފައެވެ. މި މަޝްރޫޢުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އޭގެ 3 މަސްދުވަސް ފަހުން ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ވަނީ ނިންމާފައެވެ.

މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް އާއި ބްރާންޗްގެ ވިއުގަ ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން މިނިމުނު ހަފްތާތެރޭގައި ވަނީ އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް، 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް އަދި 6 ރަށެއްގައި ބީއެމްއެލްގެ ބްރާންޗް ގާއިމްކޮށްފައެވެ.

މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރުކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އާދެ އަޅުގަނޑުމެންގެ ބްރާންޗް އަދި އޭޓީއެމް ނެޓްވާކަށް އައި ކުރިއެރުން ބައްލަވާލައްވާ. 2023 ވަނަ އަހަރު ނިމުނުއިރު 73 ރަށުގައި، ހުރީ 138 އޭޓީއެމް. މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިހުޅުވޭ އޭޓީއެމްތަކުގެ ޖުމްލަ އަދަދު އޭގެ ކުރީގައި ހުރި އަދަދަށް ވުރެ ދެ ގުނަ އިތުރު." ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ސެލްފް ސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ޚިދުމަތެކެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ މި ސެލްފްސަރވިސް ބޭންކިން އޭޓީއެމް ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަކޮށްދެނީ މި ޚިދުމަތް ބޭނުންކުރަމުންދާ މިންވަރުންކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު 17.1 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިޔަން މުއާމަލާތްކޮށްފައިވާކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.

ބީއެމްއެލްއިން މިދިޔަ އަހަރު 105 ރަށުގައި އަލަށް ބެހެއްޓި އޭޓީއެމްތަކުން ތިން ލައްކަ މުއާމަލާތްކޮށްފައިވެއެވެ. އަދި 356 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އެ ބޭންކުން ބުނެއެވެ.