ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކޮށްލިނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތްކަމުގައިވާ ފަތުވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަ ނުވާނެކަމުގެ ޔަޤީންކަން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ދެއްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދެ ވުޒާރާގެ މަސައްކަތްތައް އެއްކޮށްލާ، ސަރުކާރުގެ މިސްރާބު ހުރިގޮތް ޙިއްސާކުރައްވާފައެވެ.
ވަޒީރު ވަނީ މުހިންމު ދެ މަސައްކަތެއް ކުރާ ވުޒާރާ އެއްކޮށްލިނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް، ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ ސަމާލުކަން ކުޑަ ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ފަތުރުވެރިން ރާއްޖޭއަށް އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ތިމާވެށީގެ ރީތިކަން ދެކެންކަމަށާއި، ފަތުރިވެރިކަމާ ބެހޭ ވުޒާރާއާއި ތިމަވެށީގެ ދާއިރާ އެއްކޮށްލުން ވެގެންދާނީ މި ސިނާޢަތް ފުޅާކުރުމަށް ލިބޭ އިތުރު ކުރިއެރުމަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ވުޒާރާ އެއްކޮށްލެއްވުމަށް ނިންމެވީ ވަރަށް މުހިންމު މަޤުޞަދެއްގައިކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށްވާއިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ތިމާވެއްޓާ ރީތިކަން ދެކިލުންކަމަށެވެ. މީގެއިތުރުން ރާއްޖޭއަކީ ތިމާވެއްޓާ ރަށްޓެހި ޤައުމަކަށް ހެދުމަށްކުރާ މަސައްކަތަކީވެސް، ފަތުވެރިންގެ ޝަޢުގުވެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކިލުމަށް ފަތުރުވެރިން މި އަންނަނީ. މި ދެ ބައި އެއްކޮށްލެވުނީމަ އިތުރު ފުރިހަމަކަމެއް މި ލިބެނީ. ރައީސްގެ ވަރަށް މުހިންމު މަޤުޞަދެއްގައި މިގޮތަށް ނިންމެވީ. މި ބަދަލާއެކު ސަސްޓެއިނަބަލް ނުވަތަ ދެމެހެއްޓެނިވި ފަތުވެރިކަން ކުރިއެރުވުމަށް އެބަ ބާރަކަށްވޭ." ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައިވެސް އެންމެ މުހިންމީ، ރާއްޖޭގެ ތިމާވެށީގެ ރީތިކަން ޕްރޮމޯޓްކުރުންކަމަށެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ވެއްޓާއި ކަނޑާއި ފަރުތައް ޙިމާޔާތްކޮށް ކުރިއަށްގެންދާ މަސައްކަތުގައިވެސް އެންމެ ބޮޑު މަންފާއެއް ލިބެނީ ފަތުރުވެރިކަމަށްކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން މާކެޓް ހޯދުމަށް، ބޭރުގެ މަޝްހޫރު ފަންނާނުންނާއި އަދި މީޑިއާއާއި ފިލްމް އިންޑަސްޓްރީގެ ޕްރޮޑަކްޓްތައް ރާއްޖޭގެ ރިސޯޓްތަކުގައި ކުރިއަށްގެންގޮސް އިޝްރިހާރު ކުރެވޭނެ އިތުރު ގޮތްތައް ހޯއްދަވާނެކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރެވޭނެ އިތުރު ގޮތްތައްވެސް ހޯދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.