ރަސްމާލެ މަޝްރޫޢުގެ 5 ސަރަޙައްދެއް ހިއްކުމަށްޓަކައި މުރަކައިގެ ދިރުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ. މިމަޝްރޫޢުގެ ދަށުން ބައެއް ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
"ރަސްމާލެ" މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އުއްމީދީ މަޝްރޫޢުއެވެ. ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢު ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގައި މިހާތަނަށްވަނީ "އޭރިއާ ޖޭ"ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ނިންމާލާފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މިވަގުތު "އޭރިއާ ޑީ، އެފް، ޖީ އަދި އެލް"ގެ މަސައްކަތް ކުރަމުންދާއިރު މިސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ 9 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި "އޭރިއާ އޭ، ބީ، އެޗް، އައި އަދި ކޭ"ގައި ހިމެނޭ 5 ސަރަޙައްދު ހިއްކުމަށްޓަކައި އެތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. މިމަސައްކަތް އަވަސްކުރުމަށް އިތުރު ކުންފުނިތަކާއި ގުޅިގެން ސަރުކާރުންދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. މިގޮތުން އިތުރު ޑްރެޖަރުތަކާއެކު މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ދެތިންގުނަ އަވަސްކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސްވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.