ޚަބަރު

އަތޮޅުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ކައުންސިލްތަކާ ގުޅިގެން: އިމިގްރޭޝަން


  • ބިދޭސީން އަމިއްލައަށް ނަގައިގެން މަސައްކަތް ކުރާކަމުގެ ޝަކުވާ ލިބޭ

  • ރަށުގައި މަސައްކަތް ކުރަން ގެންނަ މީހުން ނޫން އެހެން މީހުން ރަށަށް އަރައި މަސައްކަތް ކުރޭ

އަތޮޅުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމުކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޗީފް އިމިގްރޭޝަން އޮފިސަރ އަހުމަދު މުޖްތަބާ ވިދާޅުވީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކަކީ އިމިގްރޭޝަން ވޮޗަށް ނުވަތަ އެނޫންވެސް ގޮތަކަށް ލިބޭ މައުލޫމާތުތަކާ ގުޅިގެން ވަކި ޚާއްސަކަންތައްތަކަށް ބަލައިގެން ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ.

އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ އޮޕަރޭޝަންތަކަކީ އެރަށެއްގެ ކައުންސިލްގެ އެދުމުގެ މަތިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. މުޖްތަބާ ވިދާޅުވީ އަތޮޅުތަކުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ އެރަށެއްގައި ހަރަކާތްތެރިވާ ބިދޭސީން އަމިއްލައަށް މަސައްކަތް ނަގައިގެން އެމަސައްކަތް ކުރާކަމުގެ ޝަކުވާއާއި، ރަށަށް ޤަވާއިދާ ޚިލާފަށް އަރާ މަސައްކަތް ކުރަން އުޅޭ ކަމުގެ ޝަކުވާކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރޭގައި އުޅޭ ބިދޭސީންގެ ކަންކަން އޮންނަނީ އެރަށެއްގެ ކައުންސިލް ބަލަން ޖެހޭ ކަމެެއްގެ ގޮތުގައެވެ.

އެގޮތުން އެރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ކަންކަން ގާތުން ބެލުމަކީ ކައުންސިލުން ކުރަން ޖެހޭކަމެކެވެ. އެހެންކަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ކުރަނގި އޮޕަރޭޝަނަށް ކައުންސިލްތަކުން އެއްބާރުލުންދިނުމަކީ މުހިންމު ކަމެއްކަމަށް މުޖްތަބާ ވިދާޅުވިއެވެ.

މި މަސައްކަތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީން ދެނެގަތުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ. އަތޮޅުތަކުގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ކައުންސިލުން އެއްބާރުލުން ދީގެން ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

"އަތޮޅުތަކަށް ދާ ބިދޭސީން އެރަށަށް އެރެން ވާނީ ކައުންސިލުން ހުއްދަ ލިބިގެން. ކައުންސިލުން އެގޮތަށް އެކަން ކޮށްދީފިނަމަ އެރަށަށް ނިސްބަތް ނުވާ މީހަކު ނުވެސް ހުންނާނެ. ކުރަނގި އޮޕަރޭޝަނަށް އެއްބާރުލުން ދީ ރަށަށް އަރާ ފައިބާ މީހުންގެ ދަފްތަރެއް އެކުލަވާލުމަކީ މިމަސައްކަތަށް ވަރަށް ބޮޑުތަނުން ފަސޭހަ ވެގެން ދާނެކަމެއް. ޚާއްސަކޮށް އަތޮޅުތެރެއިން އަންނަ ޝަކުވާތަކާއި ގުޅިގެން ކައުންސިލްތަކުން އެއްބާރުލުން ލިބިގެން ރެއިޑްތައް ކުރިއަށް ގެންދެވޭނީ." މުޖްތަބާ ވިދާޅުވިއެވެ.

ޗީފް އިމިގްރޭޝަން އޮފިސަރ އަހުމަދު މުޖްތަބާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާ ކުރަމުންދާއިރު އަތޮޅުތަކުން ބިދޭސީން ނެގުމަށްފަހު މާލެ ގެނައުމަށް ބޭނުންވާ ދަތުރުފަތުރުގެ ކަންކަން ދިވެހި ފުލުހުންގެ މެރިން ޕޮލިސްއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ. މިކަން ހަމަޖެހުމުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފަސޭހަވާނެކަމަށްވެސް މުޖްތަބާ ވިދާޅުވިއެވެ.