ޚަބަރު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 100 އަށްވުރެ ގިނަ މީހުން ފަރުވާގެ ނިޒާމަށް ވައްދައިފި


  • މިއީ ފުލުހުންނާ އެންޑީއޭ ގުޅިގެން ފެށި އޮޕަރޭޝަނެއް

  • މިއީ މަސްތުވާތަކެތި ބޭނުންކޮށް މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށް އަމާޒުކޮށް ފެށި އޮޕަރޭޝަނެއް

ނެޝަނަލް ޑްރަގް އެޖެންސީއާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފަވާކަމަށް އެ އެޖެންސިއިން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަން ފަށާފަވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައެވެ.

މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ ޢަމާޒުކުރަނީ، މަސްތުގެ ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށެވެ. އެގޮތުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދަނީ ދެމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބުނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވީ، އޮޕަރޭޝަން ފަށާ މިވީ މުއްދަތުގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 100 އަށްވުރެ ގިނަ މީހުން ފަރުވާއަށް ގެންގޮސްފަވާކަމަށެވެ. ލުބްނާ ވިދާޅުވީ ކުރިން މި މަސައްކަތް މާލޭގައި އެކަނި ކުރިނަމަވެސް، މިހާރު އަތޮޅުތަކަށްވެސް ފުޅާކޮށްފަވާކަމަށެވެ.

"މަސްތުވާތަކެތި އޯވަރޑޯޒްވާ މައްސަލައަށްވެސް މިހާރު އެބަ ރިއާޔަތްކުރެވޭ. މިގޮތަށް ފަރުވާއަށް މީހުން ވެއްދުމުން، އޯވަރޑޯޒްއަށް ޖާގަ ހަނިވޭ. ނަގާ ދުވަހުން ފަށައިގެން ނަފްސާނީ އިވަލުއޭޝަންތައް އެބަ ހަދާ، މެޑިކަލް ފަރުވާއާއި ކައުންސިލިން އެބަ ފެށޭ." ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވިއެވެ.

މިހާރު އުސޫލު އޮންނަގޮތުން، މިގޮތަށް ރިމާންޑް އޮޕަރޭޝަންގައި ނަގާ މީހުންނަށް ކޯޓުން ދެނީ 30 ދުވަހުގެ ރިމާންޑް އޯޑަރއެކެވެ. ލުބްނާ ވިދާޅުވީ، ނަމަވެސް އެ މުއްދަތުގެ ފަހުންވެސް، އިތުރަށް ފަރުވާ ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދެމުންދާކަމަށެވެ.
މީގެތެރޭގައި ރެސިޑެންޝަލް ފަރުވާ އަދި ކޮމިއުނިޓީ ފަރުވާގެ ނިޒާމު ހިމެއެވެ.

މިގޮތަށް މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަން ތަޙައްމަލުކުރާ މީހުންނަށް މުޖުތަމައުއިންވެސް އެކަމުން އަރައިގަތުމަށް އެހީވުމަށް ސްޓޭޓް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. މިފަދަ ކޭސްތައް އެ އެޖެންސީގެ ހޮޓްލައިން 1410 އަކަށް ވީހާވެސް އަވަހަށް ރިޕޯޓްކުރުމަށް ލުބްނާ ވަނީ އެދިވަޑައިގެންފައެވެ.