ޚަބަރު

ލ. ބޮޑުމާބުޅަލި ދަނޑުވެރިކަމަށާއި ދަތުރު ދިޔުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްޤީކުރަނީ


  • ފައިބަރުގެ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދެއް ކަނޑައަޅާނެ

  • ރައްޔިތުން ދަތުރު ދިޔުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެ

ރާއްޖޭގައި މީހުން ދިރިނޫޅޭ އެތައް ރަށްތަކެއް އޮތްއިރު އޭގެ ތެރެއިން ގިނަ ރަށްތަކަކީ ރިސޯޓް ހެދުމަށް ނުވަތަ ވިޔަފާރިކުރުމަށް އެކި މީހުންނަށް ދޫކޮށްފައިވާ ރަށްތަކެވެ. މީގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ދަތުރު ދިޔުމަށާއި ރަށަށް ނަފާވާނެ ހަރަކާތްތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތު އޮންނަނީ ހަނިވެފައެވެ.

އެހެންނަމަވެސް އަދުގެ ސަރުކާރުން ވަނީ ކައުންސިލްތައް ބާރުވެރިކުރުމަށާއި އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފަޅު ރަށްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މިހާތަނަށް 3 ކައުންސިލަކަށް 4 ފަޅުރަށެއް ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން އެއް ރަށަކީ ލ. މާވަށު ކައުންސިލަށް ދޫކޮށްފައިވާ އެރަށާ އެއްފަޅެއްގައި އޮންނަ ބޮޑުމާބުޅަލިއެވެ.

މާވަށު ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިޔުމަށާއި ރައްޔިތުން ދަތުރު ދިޔުމަށް ފަޅު ރަށްތަކެއް ނުލިބޭކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ހަމަޖައްސާދީފައިވާ ފަޅު ރަށް އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން މާވަށު ރައްޔިތުން ދަތުރުދިޔުމަށާއި އިޤްތިޞާދީ ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ ބޮޑުމާބުޅަލިގައި ރައްޔިތުންނަށް ދަތުރުދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ރަށުގެ ވަކި ސަރަޙައްދެއް ހަމަޖައްސަވާނެކަމަށެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި ގެރި ބަކަރި ގެންގުޅެން ޚާއްސަ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ފައިބަރުގެ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދެއް ކަނޑައަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަޙްމަދު މޫސާ ވިދާޅުވީ އެކަންކަން ކުރިއަށްގެންދިޔުމަށްޓަކައި އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ.

މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، ބޮޑުމާބުޅަލި ތަރައްޤީކޮށް އެތަނުގައި އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުން ކައުންސިލަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ބޮޑުމާބުޅަލިއަކީ މާވަށާ އެއްފަޅެއްގައި އޮންނަ ރަށެކެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިންނެވެ. މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ.