ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދައިން ބޭހަށް ކުރި ޚަރަދު ދަށަށް


  • މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދައިން ބޭސްފަރުވާއަށް ޚަރަދުކޮށްފައިވަނީ 817 މިލިއަން

  • އޭގެކުރީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރގައިވަނީ 854 މިލިއަން ޚަރަދުކޮށްފައި

  • މިއީ 4.3 އިންސައްތައިގެ ދަށްވުމެއް

ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް 817 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާސަންދައިން ވިދާޅުވީ މިއީ އޭގެކުރީ 2023 ވަނަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު %4.3 ދަށްވުމެއްކަމަށެވެ.

ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދަ މެދުވެރިކޮށް، ބޭސްފަރުވާއަށް ޚަރަދުކޮށްފައިވާ ނިސްބަތްވަނީ 2023ހުގެ އެމުއްދަތާ އަޅާބަލާއިރު ދަށްވެފައިވާކަން އާސަންދައިގެ ތަފާސްހިސާބުތަކުންވަނީ ފާހަގަވެފައެވެ.

މިގޮތުން 2024 ވަނަ އަހަރު ގެ އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އާސަންދައިން ބޭސްފަރުވާއަށް 817 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި 854 މިލިޔަން ރުފިޔާވަނީ ހޭދަކޮށްފައެވެ. އެހެންކަމުން 2024 ވަނަ އަހަރު އާސަންދައިން ފަހު ކުއާޓަގައި ކުރި ޚަރަދުވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު %4.3 ދަށަށް ގޮސްފައެވެ.

އާސަންދައިގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދަ މެދުވެރިކޮށް ޚިދުމަތް ހޯދި ފަރާތްތަކުގެ ޢަދަދުވެސްވަނީ މަދުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 279،851 މީހަކު ޚިދުމަތް ހޯދާފައިވާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ޚިދުމަތް ހޯދާފައިވަނީ 278،330 މީހުންނެވެ.


އާސަންދައިން ވިދާޅުވީ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި އެސްކީމްގެ ދަށުން ކުއްލި ޙާލަތުގައި އެއް ރަށުން އަނެއް ރަށަށް 1393 ފަހަރެއްގެ މަތިން މީހުން ގެންގޮސްފައިވާކަމަށެވެ. އަދި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް އެ މުއްދަތުގެ ތެރޭގައި 2327 ބަލި މީހަކު ރާއްޖެއިން ބޭރުން ފަރުވާއަށް ފޮނުވާފައިވާކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.

އާސަންދައިގެ ޚަރަދުތައް ބޮޑުވަމުންދިޔުމުގެ ކަންބޮޑުވުމާއެކު ރައްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. ހަމައެއާއެކު އާސަންދައިގެ ދަށުން ކުރަމުންދާ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހުވަނީ ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމާ، އާސަންދައިގެ ދަށުން އެނޫން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭގޮތަށްވަނީ ބަދަލުގެނެސްފައެވެ.

ދައުލަތުން އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށްދަނީ ހޭދަކުރަމުންނެވެ. މީގެ ބޮޑުބައެއް ބޭސް ގަތުމަށް ހޭދަކުރާއިރު، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރުވަނީ ހަމަޖައްސަވާފައެވެ. މިއާއެކު ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ހޭދަ ކުޑަކޮށް އެ ފައިސާއަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ހޭދަކުރެވޭ ފައިސާއަށް ހެދުމަކީ ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ.