ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ވެޓަރަންސް ކެރަމް މުބާރާތުގެ ޗެމްޕިއަންކަން އަހުމަދު ހާމިދު ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހާމިދު ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އިބްރާހިމް ލިފާއު އާއި ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު 22-20 އިން ހާމިދު ކާމިޔާބުކުރި ނަމަވެސް ލިފާއު ވަނީ 05-15 އިން ދެވަނަ ސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. މެޗުން މޮޅުވި ތިންވަނަ ސެޓު ހާމިދު ކާމިޔާބުކޮށްފައިވަނީ 24-22 އިންނެވެ.
މީގެއިތުރުން މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ރޭ ވަނީ ކުޅެފައެވެ. އަބްދުﷲ އިސްމާއީލް އާއި ސަރާހު ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ އަބްދުﷲ އިސްމާއީލެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަނެވެ.
މުބާރާތުގެ އޯޕަން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިބްރާހިމް ލިފާއު އާއި ހަސަން ލަތީފުގެ ޕެއާ އެވެ. މުބާރާތުގެ އޯޕަން ޑަބަލްސް ޗެމްޕިއަންކަން ލަތީފް އާއި ލިފާއުގެ ޕެއާ ހޯދީ އޯޕަން ޑަބަލްސް ފައިނަލުގައި ފަހަތުން އަރައި 2-1 ސެޓުން އަހުމަދު ހާމިދު އާއި އަފީފުއްނިސާގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ވެޓަރަންސް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް މުބާރާތުގެ މެއިން ސްޕޮންސަރުގެ ފަރާތުން ވަނީ ޢުމްރާ ދަތުރެއް ހުށައަޅާފައެވެ.
މި މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ކެރަމް ހޯލުގައެވެ.