ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާންއެވެ. މީނާ އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ "ކެލާ އަހައްމަދު"ގެ ނަމުންކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެހެންކަމުން އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުންވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.