ޚަބަރު

މެކްސިކޯ، ކެނެޑާ އަދި ޗައިނާއާ ދެކޮޅަށް ޓްރަމްޕްގެ ހަރުކަށި ފިޔަވަޅުތަކެއް


މެކްސިކޯ، ކެނެޑާ އަދި ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑުކޮށް، އެ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ދާއިރާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. އެ ތިން ޤައުމުން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުމަށް ނިންމަވައި ރިޔާސީ ޤަރާރުތައް ފާސް ނެރުއްވީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި، ނުޤަވާޢިދުން ހިޖުރަ ކުރުން ހުއްޓުވުމުގެ ނަމުގައެވެ. މި ނިންމުމާ އެކު، ދުނިޔޭގެ އިޤުތިޞާދީ ދުވެލި މަޑުޖެހި، ތަކެތީގެ އަގުތައް އުފުލެން ފަށާނެ ކަމުގެ އިންޒާރު މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ކޮށްފައެވެ.

ޓްރަމްޕް ވިދާޅުވީ، އެ ތިން ޤައުމުން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ފެންޓެނިލްގެ ވަގުފާރި ހުއްޓުވުމަށް ކަމުގައެވެ. އަދި، މެކްސިކޯއާއި ކެނެޑާއިން ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކުރާ މީހުންގެ އަދަދު ކޮންޓުރޯލު ކުރުމުގެ ގޮތުން ކަމުގައެވެ.

މެކްސިކޯއާއި ކެނެޑާއަކީ ވިޔަފާރީގެ ދާއިރާއިން އެމެރިކާގެ އެންމެ ބޮޑު ބައިވެރިންނެވެ. ޓްރަމްޕްގެ ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން އެ ދެ ޤައުމުން ވަނީ އެމެރިކާއިން އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރާނެ ކަން އިޢުލާނު ކޮށްފައެވެ. ޗައިނާއިން ބުނީ، ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ދުނިޔޭގެ ވިޔަފާރިއާ ބެހޭ މައި ޖަމުޢިއްޔާ (ޑަބްލިޔުޓީއޯ)އަށް ޝަކުވާ ހުށަހަޅާނެ ކަމުގައެވެ. އަދި، ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް އެ ޤައުމުން ވެސް ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

ޓްރަމްޕްގެ ނިންމެވުމާ އެކު، މެކްސިކޯއާއި ކެނެޑާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ވަނީ %25އަށް ބޮޑު ކޮށްފައެވެ. އަދި، ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %10 ބޮޑު ކުރުމަށް އޭނާ ވަނީ ނިންމަވާފައެވެ. ފެބުރުވަރީ 3ވަނަ ދުވަހު މި ނިންމެވުމަށް އަމަލު ކުރަން ފަށާނެއެވެ. ޓްރަމްޕް ވިދާޅުވީ، ފެންޓެނިލްގެ ވަގުފާރިއާއި ނުޤަވާޢިދުން ހިޖުރަ ކުރާ މީހުންގެ އަދަދު ކޮންޓުރޯލު ކުރެވެން ދެން އެ ނިންމެވުން ދެމިއޮންނާނެ ކަމުގައެވެ. ފެންޓެނިލްގެ ވަގުފާރިއަކީ މި ވަގުތު އެމެރިކާއަށް ކުރިމަތިވެފައި އޮތް ޤައުމީ ކުއްލިހާލަތެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރައްވައެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ޓްރޫޑޯއާއި ޝެއިންބައުމްގެ އިންޒާރު

ޓްރަމްޕްގެ ނިންމެވުމަށް ރައްދު ދިނުމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ނިންމަވާފައެވެ. އަދި، ފެބުރުވަރީ 3ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރާނެ ކަން އިޢުލާނު ކުރައްވާފައެވެ. އެމެރިކާއިން ކެނެޑާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ވެސް %25އަށް ބޮޑު ކުރުމަށް ޓްރޫޑޯ ވަނީ ނިންމަވާފައެވެ. މި ގޮތުން، 155 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދަލުން ޑިޔުޓީ ބޮޑު ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިޔަރާއި، ރަލުގެ ބާވަތްތަކާއި، އިމާރާތް ކުރުމަށް ބޭނުން ކުރާ ލަކުޑީގެ އިތުރުން އިލެކްޓްރޯނިކް ސާމާނެވެ.

އޭގެ ތެރެއިން 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދަލުން ޑިޔުޓީ ބޮޑު ކުރަން ޓްރޫޑޯ ނިންމަވާފައި ވަނީ ފެބުރުވަރީ 3ވަނަ ދުވަހުން ފެށިގެންނެވެ. އަދި، އިތުރު 125 ބިލިޔަން އެމެރިކާ ޑޮލަރުގެ މުދަލުން ޑިޔުޓީ ބޮޑު ކުރުމުގެ ނިންމުމަށް އޭގެ 21 ދުވަސް ފަހުން އަމަލު ކުރަން ފަށާނެއެވެ.

ޓްރޫޑޯ ވިދާޅުވީ، ޓްރަމްޕްގެ ނިންމެވުމުގެ ނޭދެވޭ އަސަރު ކުރާނީ އެމެރިކާގެ ޢާންމު ރައްޔިތުންނަށް ކަމުގައެވެ. މި ގޮތުން، އެމެރިކާގައި ކާބޯތަކެތީގެ އަގުތަކާއި ތެލުގެ އަގުތައް އުފުލިގެންދާނެ ކަމަށާއި، އެއްގަމު އުޅަނދު އުފައްދާ ކާރުޚާނާތައް ބަންދު ކުރަން ޖެހުމުގެ ނުރައްކާ އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބައެއް މުހިންމު މައުދަންތައް ކަމުގައިވާ ނިކެލް، ޕޮޓޭޝް އަދި ޔުރޭނިޔަމްގެެ އިތުރުން ދަގަނޑާއި އެލުމިނިޔަމް ވިއްކުން ކޮންޓުރޯލު ކުރައްވާނެ ކަމުގައި ވެސް ޓްރޫޑޯ ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާއަށް ދަތުރު ކުރުން މަދުކޮށް، އެމެރިކާގެ އުފެއްދުންތައް ބޭނުން ކުރުން މަދު ކުރުމަށް ވެސް އޭނާ ވަނީ ކެނެޑާގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ.

މެކްސިކޯގެ ރައީސާ ކްލައުދިޔާ ޝެއިންބައުމް ވެސް ވަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ފިޔަވަޅުތައް އަޅުއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ. އަދި، އެމެރިކާއިން މެކްސިކޯއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުމަށް އޭނާގެ އިޤުތިޞާދީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަން ހާމަ ކުރައްވާފައެވެ. ނަމަވެސް، މެކްސިކޯއިން އެމެރިކާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަދި ހާމަކޮށްފައެއް ނެތެވެ. ކެނެޑާއާއި މެކްސިކޯއިން ބުނީ، ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ޤައުމުން ނިންމާފައިވާ ކަމުގައެވެ.

ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ޗައިނާއިން އަމަލު ކުރާނެ ގޮތް ވެސް ސާފެއް ނޫނެވެ. މި ކަމާ ގުޅޭ ގޮތުން ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބަޔާނެއް ނެރެފައިވާއިރު، މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާއްވައި، ދެ ފަރާތަށް ފައިދާ ކުރަނިވި ޙައްލެއް ހޯދުމަށް ޗައިނާއިން ވަނީ ބާރު އަޅާފައެވެ.

"ޗައިނާގެ އުންމީދަކީ ފެންޓެނިލްގެ ވަގުފާރިއާއި އެހެން މައްސަލަތަކަށް އެމެރިކާއިން ވިސްނުންތެރިކަމާ އެކު ޙައްލު ހޯދުން،" ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ދޭދޭ ގުޅުންތައް ހަރުދަނާކޮށް، ޚިޔާލު ތަފާތުވުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުގެ ދެމެދުގައި އިޚުލާސްތެރި ނިޔަތެއްގައި މަޝްވަރާތައް ބޭއްވުމަށް ބޭނުންވާ ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

އިޤުތިޞާދީ ދާއިރާގެ މާހިރުން ބުނީ ޓްރަމްޕްގެ ނިންމެވުމާ އެކު އެމެރިިކާގެ އިޤުތިޞާދީ ދުވެލި މަޑުޖެހޭނެ ކަމުގައެވެ. އަދި، އެއާ އެކު ދުނިޔޭގެ އިޤުތިޞާދަށް ވެސް ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައެވެ. 2023ވަނަ އަހަރު އެމެރިކާއިން ކެނެޑާއަށް އެތެރެ ކޮށްފައިވާ ތެލުގެ އަގު 100 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާއިރު، ޓްރަމްޕްގެ ނިންމެވުމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިވާނީ އެމެރިކާގެ އެއްގަމު އުޅަނދު އުފައްދާ ވިޔަފާރިތަކަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.