ޚަބަރު

ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅޭ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • އިމިގްރޭޝަނުން ވިދާޅުވީ، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2 ތަނެއް ބަލާފައިވާ ކަމަށް

  • ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެއް

މޯލްޑިވްސް އިމިގްރޭޝަނުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅޭ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ޓާސްކު ފޯހުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެއް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އިމިގްރޭޝަނުން ވިދާޅުވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.

އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާތީ އެފަދަ ސަރަހައްދުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ވަނީ ފަށްޓަވާފައެވެ. އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އާންމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި ސިލްސިލާކޮށް އެފަދަ ތަންތަނުގައި ހަރަކާތްތެރިވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.