ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އަދި "މިނިސްޓްރީ އޮފް ޓޫރިޒަމް" އެއްކޮށްލައްވައި "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ"އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވައިފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރައްވަމުން ގެންދެވި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރުމާބެހޭ ކަންކަމާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަމާއި ހަކަތައާއި ފެނާއި ނަރުދަމާއާއި ކުނި މެނޭޖްކުރުމާ ބެހޭ ކަންކަމާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ކަންކަމާއި މީޓިއޮރޮލޮޖީގެ ދާއިރާއާ ބެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ މިހައިތަނަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 88 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވެއެވެ.