ޚަބަރު

މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • މިއީ ސަޓާ އެވޯޑް ބާއްވާ 9 ވަނަ އަހަރު

  • މިއަހަރުގެ ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައި

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 9 ވަނަ އަހަރެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއަހަރުގެ ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.

ސަޓާ އެވޯޑަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ އަންނަ މަރޗުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅަށް ޖެހެނީ ސަޓާ ވެބްސައިޓު މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ނޭޕާލްގެ ކަތަމަންޑޫގައެވެ. އެ އެވޯޑް ހަފްލާގައި ރާއްޖެއިން ވަނީ 30 އެވޯޑެއް ހާސިލްކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑެވެ. މީގެއިތުރުން ރާއްޖެއިން ވަނީ 15 ގޯލްޑް އެވޯޑް އަދި 14 ސިލްވަރ އެވޯޑް ހާސިލްކޮށްފައެވެ. މީގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ކުންފުނިތަކުން ވަނީ އެވޯޑްތައް ހާސިލްކޮށްފައެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް 144 ދާއިރާއަކުން ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި، 93 ސިލްވަރ އެވޯޑެވެ. މި އެވޯޑްތަކަށް 400 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާކަމަށް އިވެންޓް އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.

ސަޓާ އެވޯޑުގެ ތަފާތު އެކި ކެޓަގަރީތަކަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާއިން ވާދަކުރެއެވެ.

ސަޓާ އެވޯޑް އިފްތިތާހްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ސަޓާ އެވޯޑް ދިނުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މިއެވޯޑް ދިނުމުގެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށް ދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ.