ޚަބަރު

ސިނގިރޭޓު އުފައްދަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ފުލުހުން ބަލައި ފާސްކޮށްފި


  • ފުލުހުން އެތަން ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން

  • ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެއް

ސިނގިރޭޓު އުފައްދަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައި ފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ނޫސްވެރިންނަށްވަނީ އެތަނުން ބައެއް ތަކެތި ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރުފެނިފައެވެ. މިކަމާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އިސްތިހާރުކުރުމަކީވެސް މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ސިނގިރޭޓް ރާއްޖޭގައި ވިއްކޭނީ ވަކި ޚާއްސަ ހުއްދައެއް ނަގައިގެން ޚާއްސަ ލޭބަލެއް އޭގައި ޖަހައިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިސްލާހުގައި ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމާއި އެތެރެކުރުމަކީ މަނާ ކަމެކެވެ.