ޚަބަރު

ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ ވަޒީރު އާދަމް ޝަރީފް އަޅުއްވައިދެއްވައިފި


  • ފިއްލަދޫ ކައުންސިލަކީ ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ބިންގާ އެޅުއްވި ދެވަނަ ކައުންސިލް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ ސިޓީތަކާއި އިދާރީ ދާއީރާތަކާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަޅުއްވައިދެއްވައިފިއެވެ.

ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދުވަނީ މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިމުނު ހަފްތާގެތެރޭގައި ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހިމަނއިގެންވަނީ އެއަތޮޅުގެ ހަ ރށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައެވެ.

ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.