ޚަބަރު

ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ޤައުމީ މަސައްކަތެއް؛ އާމްދަނީ އިތުރުކުރުމަށް ކުރެވޭ ކަމެއް ނޫން


  • ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްއަކީ ދައުލަތުން ބަރޯސާވާ އާމްދަނީއެއް ނޫންކަމަށް

  • ކޮންމެ ރަށަކީވެސް ދުންފަތުން ސަލާމަތްވެފައިވާ ރަށަކަށް ހެއްދެވުމަށް އެދިވަޑައިގެންނެވި

  • ދުންފަތުގެ ވަބާގައި ޖެހި އެއްވެސް މީހެއްގެ ޙަޔާތް ނިމިގެންދާން ބޭނުން ނުވާކަމަށް ވިދާޅުވި

ދުންފަތާއި ދެކޮޅަށް މަސައްކަތް ފެއްޓެވީ ޤައުމީ ވިސްނުމެއްގައި ކަަމަށާއި، ޒަމާންވީ ބޮޑު މައްސަލައަކުން ރައްޔިތުންނާއި ޤައުމު ސަލާމަތްކުރެއްވުމުގެ ހެޔޮ ނިޔަތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެކި ބާވަތްތަކާއި ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޤްސަދު ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުންފަތާއި ދެކޮޅަށް ފެއްޓެވި މަސައްކަތަކީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ކުރެއްވި ކަމެއް ނޫންކަމަށާއި، އަދި މިއީ ދައުލަތަށް ފައިސާ ހޯދުމަށް އެޅުއްވި ފިޔަވަޅުތަކެއްވެސް ނޫންކަމަށެވެ. އަދި ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކޮށްގެން ލިބޭ އާމްދަނީއަކީ ދައުލަތަށް ލިބޭ ޢާމްދަނީއެއްކަމަށް ބަލައިގަނެ، އެއަށް ބަރޯސާވެ ޢާމްދަނީ ހިސާބުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދުންފަތުން ޓެކްސް ބޮޑުކޮށްގެން ޢާމްދަނީ އިތުރުކުރާކަމަށް ބޭނުމެއް ނޫން. ފިނޭންސް މިނިސްޓްރީގެ ހިސާބު މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސްއަށް ބަރޯސާވެގެން، ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓްއެއް ނުކުރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމެވި ގޮތަށް ދުންފަތުގެ ބާވަތްތައް މަނާކުރެވިދާނެ ކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. ސަބަބަކީ ވޭޕަކީ ފަހުން ތައާރަފްވީ އެއްޗެއްނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައަކީ ޒަމާންތަކެއްވަންދެން ދިވެހީންގެ ތެރޭގައި އޮތް އާދައެއްކަމުން އެކަން ހުއްޓުވޭނީ އެކި މަރުޙަލާތަކަށް ބަހާލައިގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އަދި މިކަމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސަށްޓަކައި ކުރާކަމެއްގެ ގޮތުގައި ޤަބޫލުކޮށްގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށް ރަށުފެންވަރުގައި މަސައްކަތްކޮށްދެއްވުމަށްވެސް ރައީސްވަނީ ގޮވާލައްވާފައެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ޤާއިމުކުރާ ކްލިނިކްތައް ކުރިއަށްއޮތްތަނުގައި އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ވޭޕްގެ މައްސަލައަށް ފިޔަވަޅު ނާޅާ ދޫކޮށްލިނަމަ އަތުނުވާނެ މައްސަލައަކަށްވާނެ"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއްކަމަށެވެ. ސިއްޙީ އެތައް މައްސަލައަކަށް ޒުވާން ޖީލު ހުށައެޅެމުންދާ ވޭޕްގެ މައްސަލަ އިތުރުވަމުންދިޔަ ބާރުމިނުގައި ފިޔަވަޅެއް ނާޅާ ދޫކޮށްލިނަމަ އެއީ އަތުނުވާނެ ބޮޑު މައްސަލައަކަށްވުމުގެ ފުރުސަތު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އެންމެބޮޑު އިސްކަމެއް ދެއްވާ ކަމަކީ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމާއެކު ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގިނަ ބަލިތަކަކަށް މީހާ ހުށަހެޅޭ އެއް ސަބަބުކަން ފާހަގަކުރައްވަމުން މިކަމުން ރައްޔިތުންން ސަލާމަތްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށް އޮތްތަނުގައިވެސް މިފިޔަވަޅު ހަރުދަނާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.