ޙައްޖު ކިޔޫގައި 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ އެންމެނަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތުދޭން ނިންމަވައިފިއެވެ.
މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި ޢުމުރުށާއި ކިޔޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި މައުޟޫޢީ ގޮތެއްގައި ތަންފީޒުކުރާނެ އުޞޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުޞަތު ލިބި، ޙައްޖު ކިއުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު މަދުވެގެން ދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީއެވެ.
"އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައި މިވަނީ މިއަންނަ ހައްޖުން ފެށިގެން ފައިސާ ދައްކާފައި 3 އަހަރުވެފައި ތިބި އުމުރުން 70 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ. މިއީ އުމުރުން ދުވަސްވެފައި ތިބި ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. ގާތްގަނޑަކަށް 410 މީހުން އެ ގްރޫޕްގައި ހައްޖަށް އެބަ ދެވޭ އެހީތެރިންނާއެކު" ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ އިތުރު ތަފްސީލު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.
"އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިދެވޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުޞަތު ލިބިދެވޭނެއެވެ. މި އުޞޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެ" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި އުޞޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 މީހުންނަށް ޙައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ޙައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ޙައްޖު ކިއުގައި ތިބި ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުޞަތު ނުގެއްލޭނެހެން އިސްކަންދޭނެކަންވެސް ފާހަގަކުރިއެވެ. މި އުސޫލުތަކުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މިއާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުނަށް އަހަރެއްހާ ދުވަހުގެ ލަސަވުމެއް މެދުވެރިވިނަމަވެސް، މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ. އަދި މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންޞާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ އިތުރުން، ޙައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި، މިކަމުގެ ފައިދާ ޢާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ކަމެކެވެ.