ސިއްޙަތާ ބެހޭ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުން މިޤައުމު ސަލާމަތްކުރުމަށްކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ސިއްޙަތާ ބެހޭ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ދުރާލާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިނިޒާމަކީ ވަށާޖެހޭ ނިޒާމަކަށް ހެއްދެވުމަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދު މުޖުތަމަޢުން ފެންނަނީ ފުރާނައަށް ނުރައްކާވާ، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ މަންޒަރުކަމަށެވެ. އަދި މިއީ ދިރިއުޅުމުގެ އާދަކާދައާއި ގުޅިފައިވާ ކަމަކަށްވާއިރު، މީގެކުރިން ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދުންފަތާއި ވޭޕަކީ ސީދާ ސިއްޙަތަށް ގެއްލުންހުރި އެއްޗަކަށްވީނަމަވެސް މީގެކުރިން އެކަމަށް ފިޔަވަޅެއް އެޅިފައި ނެތްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ސަރުކާރުން އަޅުއްވާފަމިވާ ފިޔަވަޅުތަކާއެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ޖީލަކަށްވުމުގެ މަގުފަހިވެގެންދާނެކަމަށް ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި، ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމް އެއްކޮށް ނިންމާނަން. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒުކުރެވޭނެ ނިޒާމެއްގެ ތެރެއިން މިކަންކުރެވޭނެ ގޮތް ތަރުތީބުކުރެވި އިންތިޒާމުކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިއްޙީ ނިޒާމަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރާ ނިޒާމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އަންނަން އޮތް ޖީލު ޝުކުރުއަދާކުރާނެކަމަށެވެ. އަދި އާސަންދައާއި ބޭހަށް ކުރާ ހޭދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކޮށް، އެފައިސާ ސިއްޙީ ނިޒާމުގެ އެހެންކަންކަން ހަރުދަނާކުރުމަށް ހޭދަކުރެވޭނެ ގޮތްވެގެންދިޔުމަކީ ނިޒާމު ވަރުގަދަ ކުރުމަށް ލިބޭބާރެއްކަން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.