ޚަބަރު

އަންނަ ދިރާސީ އަހަރު، ދެވަނަ ފިޔަވަހީގައި އަޅާ ސްކޫލުގައި ކިޔަވައިދޭން ފަށާނެ


  • މިއަހަރުގެ ނިޔަލަށް މަސައްކަތް ނިމޭނެ

  • ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ މި ސްކޫލަކީ 1700 ދަރިވަރުންގެ ޖަގައިގެ ސްކޫލެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރުގެ ދިރާސީ އަހަރު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ސްކޫލްްއެއް އެޅުމަށް ބިންގާ އަޅާފައިވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލެ ދަވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި އަންނަ އަހރުގެ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރާއެކު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް 2023ވަނަ އަހަރު ފަށާފައިވާއިރު މިއީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 10 ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ. މިއީ 54 ކްލާސްރޫމާއި، ހޯލަކާއި، ސްކޫލްތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ޓާފްދަނޑެއް ހިމެނޭހެން ޢިމާރާތްކުރާ ސްކޫލެކެވެ. އަަދި މިއީ ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖަގައިގެ ސްކޫލްއެކެވެ. މިއީ އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެއްކަން ފާހަގަކުރެވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރީ ސެކަންޑަރީ ގްރޭޑްތަކާ ހަމައަށް ކިޔަވއިދޭ އެންމެ ސްކޫލްއެކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް އޮންނަނއިރު އެ ސްކޫލްއަސްވެސް ޖާގައިގެ ދަތިކަމަކީ އޮތް މައްސަލައެވެ. އެހެންކަމުން ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލްތައް އެޅުމަށް ނިންމާފައިވެއެވެ.