ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 68 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ސަހަރުގެ އޮފިޝަލުން ހާމަކޮށްފިއެެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޔަހޫދީން ދަނީ އެ ސަހަރުގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.
ޣައްޒާގެ އޮފިޝަލުން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގެ ތެރެއިން ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އެއީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުން ދިޔަ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ދިން ވައިގެ ޙަމަލާތަކުގައި 11 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ ފުލުހުންގެ އިދާރާގެ ވެރިޔާއާއި އޭނާގެ ނައިބު ވެސް ހިމެނެއެވެ.
ޔަހޫދީން ޙަމަލާ ދީފައި ވަނީ ޚާން ޔޫނިސްގެ ހުޅަނގުން އޮތް އަލް-މަވާސީގައި ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށެވެ. އެ ވަގުތު ޣައްޒާގެ ފުލުހުންގެ ވެރިޔާ މަޙްމޫދު ޞަލާޙާއި އޭނާގެ ނައިބު ޙުސާމް ޝަހްވާން ތިބީ އެ ސަރަޙައްދުގައެވެ. އެ މީހުން އެ ތަނަށް ޒިޔާރަތް ކޮށްފައި ވަނީ، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރެފިއުޖީންގެ ޙާލު ބަލައިލުމަށެވެ. ޔަހޫދީ ފައުޖުން ބުނީ، އެ ތަނަށް ޙަަމަލާ ދީފައި ވަނީ ޝަހްވާން ޝަހީދު ކޮށްލުމުގެ ބޭނުމުގައި ކަމުގައެވެ. އޭނާއަކީ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައި ވެސް ޔަހޫދީން ތުހުމަތު ކުރިއެވެ.
"ޣައްޒާގެ ފުލުހުންގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޝަހީދުކޮށްލުމަށް ފަހު، އިސްތިޢުމާރީ ބާރުން އެ ދަނީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްކޮށް، ޣައްޒާގެ ރައްޔިތުން ކުރިމަތި ކޮށްފައިވާ ނިކަމެތިކަން ބޮޑު ކުރަން މަސައްކަތް ކުރަމުން،" އެ ޙަމަލާތައް ކުށްވެރިކޮށް ޣައްޒާގެ ދާޚިލީ ވުޒާރާއިން ބުންޏެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވެސް ވަނީ އަލް-މަވާސީއަށް ދީފައިވާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. "އައު އަހަރު ފެށުމާ އެކު، އަޅުގަނޑުމެންނަށް ތަކުރާރުކޮށް ލިބެމުން މި ދަނީ، އިންސާނިއްޔަތަކަށް ޓަކައި ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ ވެސް އެއްވެސް ރައްކާތެރި ކަމެއް ނެތް ތަނެއް ކަމުގެ މެސެޖު. ޙަމަލާ ބަދަލު ކުރުން ހުއްޓައިނުލާ ކޮންމެ ދުވަހަކީ [ޣައްޒާގެ ރައްޔިތުންގެ] ހާލަތު އިތުރަށް ގޯސްވަމުންދާ ދުވަހެއް،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު 57 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޚާން ޔޫނިސްގައި ހުންނަ ދާޚިލީ ވުޒާރާގެ މައި މަރުކަޒަށެވެ. އެ ތަނަށް ދިން ޙަމަލާގައި ހަ މީހުން ޝަހީދު ކޮށްލިއެވެ. މީގެ އިތުރުން، ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި، ޝަޠަޢު ރެފިއުޖީ ކޭމްޕުގެ އިތުރުން އަލް-މަޣާޒީ ރެފިއުޖީ ކޭމްޕަށް ވެސް ނިރުބަވެރި ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,658އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,583 މީހުން ޒަޚަމު ކޮށްލާފައެވެ.