ޚަބަރު

އާ އަހަރު ފާހަގަކުރުމަށް ހަވާއެރުވުމާއި، ޑްރޯން ޝޯއެއް މިރޭ


  • ފެސްޓިވަލް މިރެއާ މާދަމާ ކުރިއަށްދާނެ

  • ފެސްޓިވަލް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

ހަވާއެރުވުމާއި ޑްރޯން ޝޯއެއް ހިމެނޭގޮތަށް، އާ އަހަރަށް މަރުޙަބާ ކިޔުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

"މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްނެގުމާއެކު، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް އަދި އަމިއްލަ ގިނަ ފަރާތްތަކެއްވެސް ބައިވެރިވާގޮތަށް އިންތިޒާމުކުރާ ފެސްޓިވަލެކެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ފެސްޓިވަލް މިއަދާ މާދަމާ ކުރިއަށްދާނެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފެސްޓިވަލްއެއްކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

ފެސްޓިވަލްގައި ޝައުގުވެރި ހުށަހެޅުންތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި ދިވެހި ކެއުންތަކުގެ ސްޓޯލްތައް ހުންނާނެއެވެ.
މި ހަރަކާތުގައި ދިވެހިރާއްޖެއަށް ފަތުރުވެރިއަކު ޒިޔާރަތް ކުރާ ދަތުރު ދައްކާލުމުގެ ޑްރޯން ޝޯއަކާއި ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ޝައުގުވެރި ސަގާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި އާ އަހަރަށް މަރުޙަބާ ކިޔުމަށް ހަވާ އެރުވުންވެސް އޮންނާނެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލް ފަށާނީ މިރޭ 8:00ގައެވެ. ފެސްޓިވަލުގެ ހަރަކާތް މާދަމާ ކުރިއަށްދާނީ ހަވީރު 04:00 އިން 10:00އަށެވެ. ހުކުރު ދުވަހު ހަވީރު ތުއްތު ކުދިންނަށް ޚާއްސަ އާއިލީ ހަވީރެއްވެސް އޮންނާނެއެވެ. އާއިލީ ހަވީރުގައި ފުލުހުންނާއި ފަޔާ ޓްރަކް ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމަރސް ޑިސްޕްލޭއެއްވެސް ހިމެނޭނެއެވެ. މީގެއިތުރުން ބޮޑުބެރު ހުށަހެޅުންތަކާއި ރޮބޯމޭންވެސް ހަވީރުގައި ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.

މި ހަރަކާތް ކުރިއަށްގެންދަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މައިހުޅުމާލެ'، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، މާލެ' ސިޓީ ކައުންސިލް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، އުރީދޫ، މަންޓާ އެއަރ، މޯލްޑިވިއަން, އޭސް ޓްރެވަލްސް، އަދި ގަލްފް އެއަރގެ އެހީތެރިކަމާއި އެކުކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.