ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން އުފައްދާ ކޮންޓެންޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުމުގެ ގޮތުން "ޕީއެސްއެމް ބޮކްސް އެވޯޑު" އިފްތިތާޙުކޮށްފިއެވެ.
މި އެވޯޑު އިފްތިތާޙުކޮށްދެއްވީ ޕީއެސްއެމްގެ ޗެއަރމަން އައިމިނަތު ނަމްޒާއެވެ. މި އެވޯޑު އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑަށް 62 އަހަރު ފުރުން ފާހަގަކުރުމަށް ރޭޑިއޯ ބިލްޑިންގައި ބޭއްވި ޙަފްލާއެއްގައެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ އެވޯޑެއް ތަޢާރަފްކުރީ ޕީއެސްއެމްގެ އެކި ޗެނަލްތަކުން އުފައްދާ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންކުރާ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އަދި ޒުވާން ޖީލުތަކަށް ކަމުދާ ޕްރޮގުރާމްތައް އުފެއްދުމަށް ބާރުއެޅުމަކީވެސް މި އެވޯޑު ތަޢާރަފްކުރުމުގެ މަޤުޞަދެއްކަމަށް ނަސްރީން ވިދާޅުވިއެވެ.
"މި އެވޯޑު އެންމެ މޮޅު ޓީވީ އަދި ރޭޑިޔޯ ޕްރޮގުރާމެއް އުފައްދާ ޕްރޮޑިޔުސަރަކަށް ލިބޭނެ. އަދި ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މި އެވޯޑު ދެވޭނެ." ނަސްރީން ވިދާޅުވިއެވެ.
ޕީއެސްއެމް ބޮކްސް އެވޯޑް އެކި ކެޓެގަރީތަކުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެވޯޑު ލިބޭ ދާއިރާތަކުގެ ތެރޭގައި އެންމެ މޮޅު އުފެއްދުމާއި އެންމެ މޮޅު ކޮންޓެންޓެއް އުފައްދާ އުފެއްދުންތެރިއާއާއި ކޮންޓެންޓެއް އުފެއްދުމަށް އެހީދޭ މުވައްޒަފު ހިމެނެއެވެ.
މި އެވޯޑު ދޭން ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުކުރާ މަސައްކަތަށް ބަލައިގެންނެވެ. އެގޮތުން ފުރަތަމަ އެވޯޑު ދޭނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް އޮން-އެއަރކުރާ ކޮންޓެންޓަށް ބަލައިގެންނެވެ.