ޚަބަރު

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މިމީހުން ހޯދާފައިވަނީ ހުޅުމާލޭ ފޭސް 1ގެ ކެފޭ ހޮޓާތައް ބެލުމަށް ހިންގި އޮޕަރޭޝަންގައި

  • މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައި

ހުޅުމާލޭގައި ހިންގަމުންދާ ކެފޭ ހޮޓާތައް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ފޭސް 1 ގައި ހިންގަމުންދިޔަ ކެފޭ އަދި ހޮޓާތައް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިއޮޕަރޭޝަންގައި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދު ތަކާއި ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ އިއްޔެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.


ރާއްޖޭގައި ތިބި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް ތިބި މީހުން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މުޅި ރާއްޖޭގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ގަވާއިދާ ޚިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

މިގޮތުން މިއަހަރުގެ ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި މިމަސައްކަތް ފުޅާކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.