ޚަބަރު

ޑިމޮކްރަސީއާއެކު ޤައުމުގައި އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް: ވަޒީރު އާދަމް ނަޞީރު


  • ވަޒީރު ވިދާޅުވީ ކުރިން ރަސްކަމުގެ ދައުރުގައި ޤައުމު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ރަސްގެފާނުގެ ޒިންމާއެއްކަމަށް

  • ޑިމޮކްރަސީއާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުމަކީ އެކަމުގައި ޒިންމާ ބޮޑުކަމެއްކަމަށް

ޑިމޮކްރަސީ ޤާއިމުވުމަށްފަހު ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިފައި އޮންނާނެގޮތަށް ވިސްނުން ގެންގުޅުމަކީ ކޮންމެ ދިވެއްސެއްގެވެސް މަސްއޫލިއްޔަތެއް ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޑިމޮކްރަސީއަކީ ގިނަ ޙައްގުތަކެއް ކަށަވަރުކުރުން ކަމަށްވުމާއެކު، އެޙައްގުތަކާއެކު ބޮޑެތި ޒިންމާތަކެއްވެސްވާކަމަށެވެ.

އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ކުރިން އޮތީ ރަސްކަމުގެ ނިޒާމުކަމަށާއި އެނިޒާމުގައި ރައްޔިތުންގެ ހަމަޖެހުމާއި ލާބައާއި ޤައުމުގެ ކުރިއެރުމާ މެދު ވިސްނެވުން އޮންނަނީ ރަސްގެފާނުގެ ޒިންމާއެއްގެ ގޮތުގައިކަމަށެވެ. އޭރުގައި ކަންކަން ނިންމަވާނީ ރަސްގެފާނުގެ ބޭނުންފުޅުވާގޮތަށްކަމަށާއި، ތަންފީޒުވާނީ ރަސްގެފާނުގެ އަމުރުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި މިހާރު ޤާއިމުވެފައިވަނީ ޑިމޮކްރަސީގެ ވެރިކަމެއްކަމަށާއި މިނިޒާމުގައި ރައްޔިތުންނަށް ބޮޑެތި ޙައްގުތަކެއް ލިބިގެންވާއިރު، ކަންކަން އިސްލާހުކޮށް ކުރިއެރުވުމުގައި ރައްޔިތުންގެ ޒިންމާވެސް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރަސްކަމުގެ ޒަމާނުގައި ތަން ސަލާމަތްކުރުމަކީ ތަނަށްޓަކައި ހުރިހާކަމެއް ކުރުމަކީ ރަސްގެފާނުގެކަމެއް. ރައްޔިތުން ތިބެނީ ވަކި ގޮތަކަށް ހިފެހެއްޓިފައި. ދޫވެސް ހިފެހެއްޓިފައި. ރަސްގެފާނުގެ ބަސްފުޅު ބަހަކީ، ރަސްގެފާނުގެ އަމުރުފުޅު އަމުރަކީ, ކަންހިނގާނީ ރަސްގެފާނު ވިދާޅުވާގޮތަކަށް. އެކަމަކު ޑިމޮކްރަސީއެއް އައުމުން އެހެނެއްނޫން މިއޮންނަނީ. ކޮންމެ ރައްޔިތަކަށް ވާހަކަދެއްކޭ. ކޮންމެ ރައްޔިތަކަށް ލިޔެވޭ، މުޢާމަލާތުކުރެވޭ. އެހެންކަމަށްވާނަމަ މިހާރު މިފަސްގަނޑާމެދު ފަރުވާތެރިވުމުގައި އަޅުގަނޑުމެން ދައްކާވާހަކައިންވެސް، އަޅުގަނޑުމެން ވިސްނާ ވިސްނުމުގައިވެސް، ކޮންމެ މީހަކަށް އެހޭލުންތެރިކަން އަންނަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، މިއަދު ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެ މީހެއްގެވެސް ވިސްނުން ހަރުދަނާވާންޖެހޭކަމަށެވެ. އެގޮތުން ޤައުމުން ބޭރުގައި ތިމާ ޤައުމު ތަމްސީލުކުރާގޮތާއި، ތިމާ ޤައުމަށް އަމާނާތްތެރިވާނެގޮތާއި، ތިމާގެ އަޚްލާޤާއި ސުލޫކު ގެންގުޅެންވީގޮތް ދަމަހައްޓާގޮތަކީ ރާއްޖޭގެ ތާރީޚުން ފެންނަންއޮތް ހަމަޖެހުން ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް މުހިއްމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދަނީ ސުނާމީގެ ހަނދާންތައް އައުކުރުމަށް ކަމުގައިވާއިރު، ދިވެހީންނަކީ އެތައްކަމެއްގައި އެއްބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މީގެ 20 އަހަރު ކުރިން ކުރިމަތިވި ކާރިސީ ޙާލަތުގައި ދިވެހީން ދައްކުވައިދިނީ ދިވެހީންގެ މެދުގައި އަބަދުވެސް އޮތް ގުޅުންތަކެއްކަމަށް ވަޒިރު ވިދާޅުވިއެވެ.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އުޅުމާއި ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިނަމަވެސް އެދުވަހު ފެނިގެން ދިޔަ އެއްބައިވަންތަކަން ދިވެހީންނާއި އަބަދުވެސް ގުޅިފައިވާކަން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ފާހަގަކުރެއްވިއެވެ.