ޚަބަރު

ގެއްލުނު ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ޑީއެންއާރާއި ޑީޖޭއޭ މެދުވެރިކޮށް ސިޓީ ކައުންސިލަށް ހޯދަނީ


  • ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް ޑިޖިޓަލްކޮށް ބަހައްޓާނެ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސީޓީ ކައުންސިލުން ގެއްލުނު މުހިންމު ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ އާއި މުހިންމު ޑޭޓާތައް އެކައުންސިލަށް ދޭން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެއްބަސްވެއްޖެއެވެ.

ސިޓީ ކައުންސިލުން ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ޑީއެންއާރާއި، ޑީޖޭއޭއާއެކު ބައްދަލުކޮށްފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ ގެތަކުގެ ރަޖިސްޓްރީއާއި ގެދޮރާ ގުޅޭ ގަޒިއްޔާތަކުގެ ޑިޖިޓަލް ކޮޕީ ޑީޖޭއޭގައި އެބަހުރި ކަމަށާއި އެ މައުލޫމާތު ސިޓީ ކައުންސިލަށް ފެންނާނެ އިންތިޒާމު ހަމަޖައްސައިދޭން ޑީޖޭއޭއިން އެއްބަސްވެފައިވާ ކަމަށެވެ. ސިޓީ ކައުންސިލްގެ ޑޭޓާބޭސްގައި މިހާރު ހުރި މައުލޫމާތާއި ޑީޖޭއޭ އާއި ޑީއެންއާރުން ފޯރުކޮށްދޭ ޑޭޓާއާއެކު، އަމާޒަކީ ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވީ ޑީޖޭއޭ އާއި ޑީއެންއާރުއާއެކު ބޭއްވި ބައްދަލުވުންތަކުން އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ބޭނުންވާ ކައިވެނީގެ ސެޓްފިކެޓްތަކުގެ ޑިޖިޓަލް ކޮޕީ، ލިބިފައިވާކަމަށެވެ. އެއާއެކު އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް އާންމުންނަށް ކައިވެނީ ސެޓްފިކެޓްގެ ކޮޕީ ކައުންސިލަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ޑީއެންއާރުގައި ހުރި މާލޭގެ ރަށްވެހިގެން ރަޖިސްޓްރީތަކުގެ ޑިޖިޓަލް ކޮޕީ ސިޓީ ކައުންސިލަށް ފެންނާނެ އިންތިޒާމު ހަމަޖައްސައިދޭންވެސް އެ އިދާރާއިން އެއްބަސްވެފައިވާކަމަށެވެ. އެގޮތަށް ހަމަޖެހިގެންދިއުމުން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނާއި ލޭންޑް ސެކްޝަނުން ކުރިން ދެމުން އައި ޚިދުމަތްތަކުގެ 85 ޕަސެންޓް މަސައްކަތްތައް އަންނަ ހަފުތާގައި އަލުން ފެށޭވަރު ވާނެ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން ތިމާވެއްޓާ ބެހޭ ވުޒާރާ ހިންގި އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގައި ހުރި މުހިންމު، ގިނަ ލިޔެކިޔުންތަކެއް ވަނީ ގެއްލިފައެވެ.


ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންދުވަހުގެ ސެޓްފިކެޓާއި މަރުވާ މީހުންގެ ރެކޯޑުތަކުގެ އިތުރުން ރަށްވެހިކަމާއި މާލޭގެ ގޯތިތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް ބަލަހައްޓަމުން އައި ސިޓީ ކައުންސިލް ސެކްޝަނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެތަނުން ދެމުން އައި ހުރިހާ ޚިދުމަތެއް ހުޅުމާލޭ އަމިން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ވަގުތީގޮތުން ބަދަލުކޮށްފައެވެ. ނަމަވެސް އަލުން މާލޭގައި ޚިދުމަތް ފެށުމަށް، ރޯވި އިމާރާތުގައި ހުރި ލިޔެކިޔުންތައް ވަނީ ގަލޮޅު މަދަރުސާގެ ހޯލަށް ބަދަލުކޮށްފައެވެ.