ޚަބަރު

އެމްޖެޓް ޖާނަލާއެކު ތަރައްޤީއަށް ބޭނުންވާ އައު އީޖާދުތަކާއި ޙައްލުތައް ހޯދުމަށް މަގުފަހިވާނެ: ވަޒީރު ޠާރިޤު


  • މިއީ އިންޖިނިއަރިން އާއި ޓެކްނޮލޮޖީއަށް ޚާއްޞަކުރެވިގެން ތައާރަފްކުރި ފުރަތަމަ މިފަދަ ޕޯޓަލް

މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު އީޖާދުތަކާއި ޙައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ (އެމްޖެޓް) ރަސްމީކޮށް ތަޢާރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއަކީ ދިވެހިރާއްޖޭގައި އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރެވޭ ދިރާސާތަކާއި ކުރިއެރުންތައް ހިއްސާކުރުމަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޢިލްމީ އަދި ޓެކްނިކަލް ދާއިރާތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެމްޖެޓް ޖާނަލްގެ މައިގަނޑު މަޤްޞަދަކީ އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ދިރާސާކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ދިރާސާތައް ޝާއިޢުކުރުމަށް ޚާއްޞަ ޕްލެޓްފޯރމެއް ގާއިމުކޮށްދިނުމެވެ. މި ޖާނަލްގައި ޝާއިޢުކުރެވޭ ހުރިހާ މަޒުމޫނުތަކަކީވެސް ޕިއަރ-ރިވިއުކުރެވޭ، އަދި އޯޕަން އެކްސެސް މަޒުމޫނުތަކެއްކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

އެމްއެންޔޫއިން ވިދާޅުވީ އިންޖިނިއަރިންއާއި ޓެކްނޮލޮޖީއަށް ޚާއްޞަކުރެވިގެން ފުރަތަމަ މިފަދަ ޕޯޓަލް ތަޢާރަފު ކުރުމަކީ ހަމައެކަނި ޔުނިވާސިޓީއަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށެވެ. މިއީ ގައުމުގެ ތައުލީމީ އަދި ދިރާސާތަކުގެ ދާއިރާއަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން އެމްއެންޔޫއިން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޔޫއިން ވިދާޅުވީ އެމްޖެޓްގައި ޝާއިޢުކުރެވޭ ހުރިހާ މަޒުމޫނުތަކެއްވެސް އޭގެ އަސްލު ލިޔުންތެރިޔާއަށް ކްރެޑިޓް ދިނުމާއެކު، އެ މަޒުމޫނު ބޭނުންކުރުމާއި، ހިއްސާކުރުމާއި އަދި އުފެއްދުންތެރި މަސައްކަތްތަކުގައި ބޭނުންކުރުމުގެ ފުރުޞަތު އެންމެންނަށް ހުޅުވިގެންދާނެކަމަށެވެ. އަދި މި ޖާނަލްގައި ތިއަރެޓިކަލް، ކޮމްޕިއުޓޭޝަނަލް އަދި އެކްސްޕެރިމެންޓަލް ދިރާސާތައް ޝާއިޢުކުރެވޭނެކަމަށްވެސް އެ އެމްއެންޔޫ ވިދާޅުވިއެވެ.

މި ޖާނަލްގެ ސަބަބުން އާ ހޯދުންތަކާއި ދިރާސާތައް ހިއްސާކުރުމަށް އޯޕަން އެކްސެސް މެކޭނިޒަމެއް ގާއިމުވެގެންދާނެކަމަށާއި މިއީ ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮގްރާމްއެކެވެ. ވަކިން ހާއްސަކޮށް ދިވެހިންނަށް ފުރުސަތު އޮންނާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން ވިދާޅުވެއެވެ.

އެމްއެންޔޫއިން ވިދާޅުވީ އެމްޖޭއީޓީ އަކީ ފެންވަރު ރަނގަޅު ނަމޫނާއަކަށްވެ، އިންޖިނިއަރިން އާއި ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ގެނުވައިދޭ ބާރަކަށް ވެގެންދާނެކަމަށެވެ.