މިދިޔަ މަހު ލުބުނާނާއި ޔަހޫދީ ދަޢުލަތާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމުގެ ދަށުން ލުބުނާނުން ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ސިފައިން ފޭބުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވައިލެއްވުމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިއެއް ލުބުނާނުގެ ވެރިރަށް ބައިރޫތައް ވަޑައިގެންފިއެވެ.
ޔަހޫދީ ދަޢުލަތާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާ ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރަމުން ދިޔަ ހަނގުރާމައިގައި ދެ ފަރާތުން ވެސް މިހާރު ވަނީ 60 ދުވަހަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސް ވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުން ޔަހޫދީ ފައުޖުގެ ސިފައިން ފޭބުމަށް ހަމަޖެހިފައިވާ ވަނީ މަރުޚަލާތަކަކަށް ބަހާލައިގެންނެވެ. އަދި ޙިޒްބުﷲގެ ހަނގުރާމަވެރިން ދެކުނު ލުބުނާނުގައި ޤާޢިމުކޮށްފައިވާ އަސްކަރީ މަޤާމުތައް ދޫކޮށް، ޔަހޫދީ ދައުލަތާ ލުބުނާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގުގެ 30 ކިލޯމީޓަރާ ދުރުގައި އޮންނަ ލިތާނީ ކޯރުގެ އުތުރަށް ބަދަލުވުން ވެސް އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މި އެއްބަސްވުމުގެ ތަންފީޛީ މަރުހަލާގެ ކަންކަން ބަލަހައްޓައި މެދުވެރިއެއްގެ ދަޢުރު ޢަދާ ކުރަނީ އެމެރިކާއިންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑު، ސެންޓްކޮމުން ބުނީ އެ އިދާރާގެ އާމީ ޖެނެރަލް މައިކަލް ކުރެލާ ބައިރޫތުގައި ހުންނަ މޮނިޓަރިންގެ މައި މަރިކަޒަށް ޒިޔާރަތް ކުރައްވައި ލުބުނާނުގެ އަސްކަރިއްޔާގެ ވެރިޔާ، ޖެނެރަލް ޖޯސެފް އައުނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ކުރެލާގެ ދަތުރުގެ ތެރޭގައި އެއްބަސްވުމުގެ ދަށުން ޔަހޫދީ ފައުޖުގެ ސިފައިން ލުބުނާނުން ފޭބުމާއި އަލް ޚިޔާމުގައި ތިބި ލުބުނާނުގެ ސިފައިން ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށްދާ ގޮތް ގާތުން ބެއްލެވުން ހިމެނޭ ކަމަށް ސެންޓްކޮމުން ބުނެއެވެ.
އެ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެލާ ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޙަމަލާ ބަދަލުކުރުން ދާޢިމީ ގޮތަކަށް ހުއްޓާލުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުން ހޯދުމަށް އެޅޭ ބިންގަލެއް ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.