ޚަބަރު

ފަޅުރަށް ހޯދަން 3 ކައުންސިލަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިއްޖެ


  • މި ޕްރޮޕޯސަލްތައް ހުށަހެޅީ ރ. އިނގުރައިދޫ، ދ. އަތޮޅު އަދި ލ.މާވަށު ކައުންސިލުން

އިޤްތިޞާދީ މަސައްކަތްކުރުމަށް ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމާ ގުޅިގެން، ފަޅުރަށް ހޯދުމަށް ހުށަހެޅި 3 ކައުންސިލެއްގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ވަޒީރު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ޕްރޮޕޯސަލް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން ތިން ކައުންސިލެއްގެ ޕްރޮޕޯސަލް އެ ވުޒާރާއިން ވަނީ އިވެލުއޭޓްކުރައްވާފައެވެ.

ވަޒީރު ވިދާޅުވިގޮތުގައި ފަޅުރަށް ދިނުމުގެ މަރުހަލާގެ ތެރެއިން ރ. އިނގުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލް އަދި ލ. މާވަށު ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވާކަމަށެވެ. މީގެ ތެރެއިން އިނގުރައިދޫ ކައުންސިލުން ހުށަހަޅާފައިވަނީ އެ އަތޮޅުގެ ނެޔޮ ހޯދުމަށެވެ. އަދި ދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ މިނިމަސްގަލި އާއި ފެންފުށި ހޯދުމަށް ހުށަހަޅާފައިވާއިރު މާވަށު ކައުންސިލުން ހުށަހަޅާފައި ވަނީ ބޮޑުމާބުޅަލި ހޯދުމަށެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އަންނަ ހަފުތާގައި އިވެލުއޭޝަން ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ރަށްތައް ދޫކުރުމާމެދު ގޮތެއް ނިންމަވާނީ ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭ ވުޒާރާގެ އިވެލުއޭޝަން ކޮމިޓީން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ މާރޗް މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ރަށަކީ އަދި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒުކަމަށެވެ. އެގޮތުން ކޮންމެ ރަށަކުން އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަޅުރަށް ހަމަޖައްސައިދިނުމަކީ މީގެދަށުން ކުރުމަށް ނިންމާފައިވާ އެންމެ ބޮޑު މަސައްކަތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަންވެސް ރައީސުލްޖުމްހުރިއްޔާ ވަނީ ހާމަކުރައްވާފައެވެ.