އިމާމުން ބޭރަށް ފޮނުވުމާއި، މަހާސިންތާތަށް ބާއްވަން ދަޢުލަތުން އެއްވެސް ޚަރަދެއް ނުކުރާކަމަށާއި އެކަން ކުރަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިމާމުން ބޭރަށް ފޮޮނުވުމާއި މަހާސިންތާތައް ބާއްވަނީ ފައިސާ އިސްރާފުކުރުމަށްކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައިކުރެއްވި ޕޯސްޓެއްގައެވެ.
ވޭތުވެދިޔަ އެއްއަހަރުގެ މުއްދަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެކި މަހާސިންތާތަކާއި އެކި ތަމްރީނު ޕްރޮގްރާމްތަކުގައި އެ ވުޒާރާގެ ދަށުން މަސައްކަތްކުރަމުންދާ ފަރާތްތަކެއް ރާއްޖެއިން ބޭރަށް ފޮނުވާއިރު، އެކަމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ އެކަމަށް ދައުލަތުއެއްވެސް ޚަރަދެއް ނުކުރާކަމަށެވެ.
އެގޮތުން އެވުޒާރާގެ ފަރާތުން ބާއްވާ އެކި މަހާސިންތާތަކާއި ރާއްޖެއިން ބޭރަށް އެކި ފަރާތްތައް ފޮނުވަމުންދަނީ ބޭރުގެ ހިލޭ އެހީއާއި، ހެޔޮއެދޭ އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއިން އެއްވެސްކަމެއްގައި ދައުލަތުގެ ބަޖެޓުން ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓުންވެސް ފައިސާ ޚަރަދުކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި 6 ދާއިރާއަކުން ސިލްސިލާގޮތެއްގައި މަހާސިންތާތައް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ނިންމަވާފައެވެ. އެގޮތުން އެދާއިރާތަކުގައި ހުރި ދަތިތަކާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދިމާވާ ހުރަސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަނެ ނެޓްވޯކް ޤާއިމުކުރުމަށް މަހާސިންތާތައް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ މިއަހަރަށް ކަނޑައަޅާފައެވެ. އެގޮތުން ޙައްޖާއި ޢުމްރާގެ މަހާސިންތާއާއި، އިމާމުންގެ މަހާސިންތާއާއި، ފަތުވާ މަޖިލީހުގެ މަހާސިންތާ، ދީނީ، އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ މަހާސިންތާގެ އިތުރުން ޢިލްމުވެރިންގެ މަހާސިންތާ މިހާރުވަނީ ބާއްވާފައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ޒަކާތު މަހާސިންތާ ބޭއްވުމަށްވަނީ ނިންމަވާފައެވެ.
ތަމްރީންތަކުގައި ރާއްޖެއިން ބޭރަށް، އިމާމުންނާއި، ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ހޯދުމަށްޓަކައި އިސްލާމީ ބޮޑެތި ޤައުމުތަކަށް ތަމްރީނު ހޯދުމުގެ އެކި ދަތުރުތައްވަނީ ކުރިއަށްގެންގޮސްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރުވެސް މިވަނީ މުޅި ރާއްޖޭގައި ވަޤުފްގެ ޢިމާރާތް ތަރައްޤީކޮށް ބަޖެޓަށް އޮންނަ ބުރަ ކުޑަކޮށް އަމިއްލައަށް ޚަރަދު ހަމަޖެއްސޭނެ ގޮތްތައް ހެދުމަށް ބޮޑު މަޝްރޫޢެއް ޢިއުލާންކޮށް މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ.