ޚަބަރު

ޔޫރަޕުގެ 3 ޤައުމަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެޖެންޓުން ހޯދަނީ


  • އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައި

  • ދަތުރުތައް ފަށާނީ ވައިޑް-ބޮޑީ އެއަރކްރާފްޓްތައް ގެނެސްގެން

ޔޫރަޕްގެ 3 ޤައުމަކަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އެޖެންޓުން ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވިއަނުން ދަނީ އެ އެއަރލައިނުން ދަތުރުކުރާ ބައިނަލްއަޤްވާމީ މަންޒިލްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

މޯލްޑިވިއަނުން ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ އިނގިރޭސިވިލާތާއި، އިޓަލީވިލާތާއި އަދި ޖަރުމަނުވިލާތަށެވެ. މި 3 ޤައުމުގައިވެސް މޯލްޑިވިއަންގެ އެޖެންޓުންނަށްވުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަނުން ބުނީ މި 3 ޤައުމުގައި އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ އެ ޤައުމުތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށްކަމަށެވެ. މޯލްޑިވިއަނުން ދަނީ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް ދަތުރުފެށުމަށް ތައްޔާރުވަމުންނެވެ. ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް ޚިދުމަތްދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވިއަނުން ބުނީ ރާއްޖެ ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ މަހުގެ ފަހުކޮޅު ރާއްޖެ އަންނާނެކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތްދޭން ފެށޭނެކަމަށް އުންމީދުކުރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މޯލްޑިވިއަނުން ގެންނަނީ 268 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓެކެވެ.

ރާއްޖޭގައި ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސް ޚިދުމަތްދޭން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އިޤްތިޞާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މަންފާކޮށް އައު ވިޔަފާރިތައް އުފެދޭނެކަން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ އިންޑިއާގެ 3 ސިޓީއަކަށާއި ބަންގްލަދޭޝްގެ ޑާކާއަށެވެ.