ޚަބަރު

ނަޝާތުއާއި މުޙައްމަދު އާސިފް އީސީން ވަކިކުރަން މަޖިލީހުން ފާސްކޮށްފި


  • އިލެކްޝަންސް ކޮމިޝަނުގެ 3 މެންބަރުން ވަކިކުރަން ހުށަހެޅި

  • ޑރ. މުޙައްމަދު ޒާހިރު ވަކިނުކުރަން ވަނީ ފާސްކޮށްފައި

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތުއާއި މެންބަރު މުޙައްމަދު އާސިފް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރުމުގެ މައްސަލަތައް މަޖިލީހަށް ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ކޮމިޓީންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތުއާއި މެންބަރުން ކަމަށްވާ މުޙައްމަދު އާސިފެވެ.

މި ދެ މެންބަރުންގެ އިތުރުން އެ ކޮމިޝަނުގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު ވަކިކުރުމަށްވެސް މަޖިލީހަށް ހުށަހެޅިއެވެ. މެންބަރުން ވަކި ކުރުމަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބުނެފައެވެ.

ނަޝާތު ވަކިކުރުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓުންނެވެ. ނަމަވެސް ޑރ. މުޙައްމަދު ޒާހިރު ވަކިކުރުމަށް ނުފެންނަ ކަމަށް 70 މެންބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ.

ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު އަބްދުއްސަލާމާއި މެންބަރު އަލްއުސްތާޛު ޠާހާ މުޙައްމަދު އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހު ވަކިކުރުމަށްވެސް ހުށަހެޅިއެވެ. މީގެ ތެރެއިން އަބްދުއްސަލާމާއި ޠާހާ ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެ ދެ ބޭފުޅުންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވަކިކުރުމަށް ހުށަހެޅީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް މަސައްކަތް ކޮށްފައިވާތީކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި އެފަދަ ކަމެއް ސާބިތުވެފައިނުވާތީ އޭނާ މަގާމުން ވަކިނުކުރުމަށް ކޮމިޓީން ފާސްކުރިއެވެ. މަޖިލީހުންވެސް ވަނީ ކޮމިޓީން ނިންމިގޮތަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހު މަގާމުން ވަކިނުކުރުމަށް ފާސްކޮށްފައެވެ.