ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ "ކޮޕް-29"ގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީގެ ގޮތުގައި ކުދި ޤައުމުތަކުން އެދުނު މިންވަރަށް ފައިސާ ފޯރުކޮށްދޭން އެއްބަސްވެފައި ނުވިނަމަވެސް މިއީ ފެށުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކޮޕް 29 ބައްދުލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް 1.3 ޓްރިލިއަން ޑޮލަރު ބޭނުންވާނެކަމަށް އެކި ދިރާސާތަކުން ލަފާކުރެވުނުމަކަށެވެ. ނަމަވެސް, ކޮޕް-29 ސަމިޓްގައި އެއްބަސްވެފައިވަނީ އަހަރަކު 300 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށެވެ. މި ފައިސާ ޤައުމުތަކުގެ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭންތަކާއި އެން.ޑީ.ސީ ތަންފީޒުކުރުމަށް ބޭނުންކުރެވޭނެކަމަށް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ކުދި ޤައުމުތަކަށް ފޯރުކޮށްދޭން ނިންމި އެ މިންވަރަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ބޭނުންވާ ފައިސާގެ އަދަދާއި އެކަށޭނެ އަދަދެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިފަހަރުގެ ބައްދަލުވުމުގައި ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން އަލިއަލުވާލާފައެއް ނުވޭ. ދެން އަންނަ ކޮޕްގައި މިކަމުގައި ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރަން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ ކޮޕް-29ގައި ކާބަން މާކެޓް ޤާއިމުކުރުމަށް އޮނިގަނޑެއް އެކުލަވާލެވުނު ކަމަށާއި އެ އޮނިގަނޑުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ކާބަން ވިއްކުމަށް މާކެޓް އުފެއްދުމަށް ބާރު އެޅިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ފްރޭމްވާރކްވެސް އެކުލެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މި ބައްދަލުވުމުގެ ތެރެއިން ލިބުނު ކާމިޔާބީއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިފަހަރުގެ ކޮޕް ސަމިޓުގައި ރާއްޖޭން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު ކޮޕްގެ ހަވާސާގައި 4 އިވެންޓެއް ވެސް ރާއްޖެއިން އިންތިޒާމު ކުރިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާ ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖެއިން އަބަދުވެސް ގެންދަނީ ވަކާލާތުކުރަމުންނެވެ.