ޔުއެފާ ނޭޝަންސް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފަހު ވަގުތު ކޮސޯވޯއިން މެޗު ނުކުޅެ ހުއްޓާލުމާ ގުޅިގެން، އެ މެޗުން ރުމޭނިއާ 3-0 ގެ ނަތީޖާއަކުން މޮޅުވި ކަމަށް ނިންމައިފިއެވެ.
ރުމޭނިއާ އާއި ދެކޮޅަށް އެ ގައުމުގައި ކޮސޯވޯ ކުޅުނު މި މެޗުގެ ކުޅުން ކޮސޯވޯ އިން ހުއްޓާލާފައިވަނީ މެޗުގެ ކުޅުން ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ރުމޭނިއާގެ ސަޕޯޓަރުން ކޮސޯވޯ އަކީ ސަބިޔާ ކަމަށް ގޮވަން ފެށުމުންނެވެ. އަދި އެކަމާއި ހިތްހަމަ ނުޖެހިގެން ކޮސޯވޯގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބާފަ އެވެ.
މި މައްސަލަ ޔޫއެފާއިން ބެލުމަށްފަހު މި މެޗުން ރުމޭނިއާ ތިން ލަނޑުން މޮޅުވި ކަމަށް ނިންމި ނަމަވެސް ރުމޭނިއާ އާއި ދެކޮޅަށް ޔޫއެފާ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެ ގައުމު އެއް ލައްކަ އަށާވީސް ހާސް ޕައުންޑުން ޖުރިމަނާ ކޮށް ރުމޭނިއާ އިން ދެން އެންމެ އަވަހަށް އަމިއްލަ ގައުމުގައި ކުޅޭ ޔޫއެފާގެ މެޗެއް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ވަނީ އަދަބު ދީފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުނު ޔޫރޯ ކޮލިފައިން މެޗެއްގައި ރުމޭނިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާ ކޮށްފައިވާ މައްސަލައެއްގައި ޔޫއެފާއިން ވަނީ އެ ގައުމު ސާޅީސް ހާސް ޔޫރޯއިން ޖުރިމަނާ ކޮށްފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ރުމޭނިއާގެ ފެޑަރޭޝަނުން ވަނީ އެ ގައުމުގެ ސަޕޯޓަރުން ކުޅިވަރުގެ ރޫހާއި ހިލާފު ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކޮސޯވޯއިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.
2008 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮސޯވޯ އަކީ މިނިވަން ދައުލަތެއް ކަމަށް އިއުލާންކޮށް އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުން ކޮސޯވޯގެ މިނިވަންކަން ބަލައިގެންފައިވީ ނަމަވެސް ރުމޭނިއާ އާއި ސާބިއާ އިން އެ ގައުމަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފައެއް ނުވެއެވެ.
ކޮސޯވޯ އާއި ރުމޭނިއާ ދާދި ފަހުން ކުޅުނު ތިން މެޗުގައިވެސް ވަނީ މިފަދަ ކަންތައްތަކެއް ހިނގާފަ އެވެ. ފީފާ އާއި ޔޫއެފާ އިން އިންތިޒާމު ކުރާ މުބާރާތްތަކުގައި އަބަދުވެސް ސާބިއާ އާއި ކޮސޯވޯ ބައްދަލުކުރަން ނުޖެހޭ ގޮތަށް ވަނީ މެޗުތައް ހަމަޖައްސާފަ އެވެ.
ނޭޝަންސް ލީގުގެ ސީ ގެ ގްރޫޕް ދޭއްގައި ހިމެނޭ މި ދެ ޓީމު ގެ މި މެޗުގެ ނަތީޖާ ޔޫއެފާ އިން ނިންމުމާއިއެކު ރުމޭނިއާ އަށް ވަނީ ހަ މެޗުން 18 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ. ކޮސޯވޯ އަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓާއެކު ދެވަނަ އެވެ.