ކުޅިވަރު

ބީޗް ހޭންޑްބޯޅައިގެ ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ކުޅުދުއްފުށީގައި


ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތް، ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމެއް އެކުލަވާލުމުގަ މަސައްކަތް ފަށާފައި މިވަނީ ކުރިއަށް ހުރި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބީޗް ޓީމެއް ބައިވެރިކުރުމުގ ނިޔަތުގައި ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހު ޕާކިސްތާނުގެ ކޯޗާއެކު ޓީމު އެކުލަވާލުމުގެ މަސައްކަތް ފެށޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވިސް އިން މައުލޫމާތުދެއެވެ.

ހޭންޑްބޯލް މޯލްޑިވިސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ކުޅުދުއްފުއްޓަކީ ބީޗް ހޭންޑްބޯޅައިގެ ބޮޑު ފޯރިއެއް އޮންނަ އެއް ސަރަހައްދެއް ކަމަށާއި، އެގޮތުން އެކި ނަންނަމުގަ ގިނަ މުބާރާތްތަކެއް މީގެ ކުރިން އެ ރަށުގައި ބޭއްވިފައިވާ ކަމަށެވެ. ގައުމީ ޓީމު އެކުލަވާލަން ބާއްވާ ހަރަކާތުގައި މާލެއިންވެސް ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މުޖޭ ވިދާޅުވިއެވެ.

މުޖޭ ވިދާޅުވީ އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުގައި ވާދަކުރުމަށް މާލެއަށް އަތޮޅުތެރޭގެ ކުޅިންތެރިންވެސް އަންނަ ކަމަށާއި، އެގޮތުން ގައުމީ ޓީމު އެކުލަވާލަން އޮތް ފުރުސަތުގައި މި ފަހަރު މާލެއިން ގޮސް ކުޅުދުއްފުށީގައި ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު "ޑީ-ސެންޓެރްލައިޒް" ކުރުން ކަމަށްވެސް ވިދާޅުވިއެވެ. މުޖޭ ވިދާޅުވީ ގައުމީ ޓީމު އެކުލަވާލުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސީޓީ ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.

"މީގައި ކުޅުދުފުއްޓަށް މުޅި ރާއްޖެއިން ހަމަ ކުޅުންތެރިން އަންނަވީ. އެހެންނާ ހަމަ މާލެވެސް ކުޅުންތެރިންދަނީ ދެއްތޯ. ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ. ކުޅުދުއްފުއްޓަށް އަންނަ ކުޅުންތެރިންނަށް ޚާއްސަ ރޭޓެއްގައި ޕެކޭޖްތަކެއްވެސް އެބަ ދޫކުރަން ތައްޔާރުވޭ އެ ބޭފުޅުން." މުޖޭ ވިދާޅުވިއެވެ.

އިންޑޯ ކޯޓުގައި އާންމުކޮށް ކުޅެމުން އަންނަ ހޭންޑްބޯޅަ އާއި ބީޗް ހޭންޑްބޯޅައިގައި ތަފާތުތަކެއް ހުންނައިރު، ގަވާއިދުވެސް ތަފާތުވާނެ ކަމަށް މުޖޭ ވިދާޅުވިއެވެ.

ގައުމީ ޓީމެއް އެކުލާވާލުމުގެ މަސައްކަތް މީގެ ކުރިން އަތޮޅުތެރޭގެ ރަށެއްގައި މި ކަހަލަ ސިފައެއްގައި ގެންގޮސްފައެއް ނުވެއެވެ. ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސްކޮޑުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު ފަރިތަކުރުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފަރިތަކުރުންތަކުގައި 10 ދުވަހުގެ ޓްރަޔަލެއް ކުރިއަށްދާއިރު، ގައުމީ ޓީމު އެކުލެވިގެންދާނީ އެ ޓްރަޔަލުން ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.