ޚަބަރު

ގްރާންޑޭ އިން ބޮޑު މޮޅަކާއެކު މުބާރާތް ނިންމައިލައިފި


  • ގްރާންޑޭއިން މުބާރާތް ނިންމާލީ 9 ޕޮއިންޓު ހޯދައިގެން

  • އެލްޓީ މުބާރާތް ނިންމާލި މޮޅެއް ނުހޯދި

މާލެ ރީޖަނަލް ލީގް ދެވަނަ ޑިވިޝަންގައި ގުރޫޕުގައި ފަހު މެޗުގައި ދަ ގްރާންޑޭ އާމިގޯސް އިން ބޮޑު މޮޅަކާ އެކު މުބާރާތް ނިންމައިލައިފިއެވެ. ގްރާންޑޭ މެޗު ކާމިޔާބު ކުރީ ލިޓިލް ޓައުން ސްޕޯޓްސް ކުލަބު (އެލްޓީ) އާ ވާދަކޮށް 7-2 މޮޅުވެގެންނެވެ.

މި މޮޅާއެކު ގްރާންޑޭއިން މުބާރާތް ނިންމާލީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދައިގެންނެވެ. އެލްޓީ މުބާރާތް ނިންމާލި މޮޅެއް ނުހޯދި ގުރޫޕުގެ ފުލުގައި އޮވެއެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗަށް ދެޓީމުން ނުކުތް އިރު ވެސް ދެޓީމު ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ނުލިބި ކަޓާފައެވެ. އެހެންވެ މާބޮޑު ފޯރިއެއް ނެތް މެޗުގެ ފުރަތަމަ ލަނޑު ގްރާންޑޭއިން ކާމިޔާބު ކުރީ މެޗު 10 ވަނަ މިނިޓުގައެވެ.

ނަތީޖާ ހަމަހަމަ ކުރަން އެލްޓީއަށް 26 ވަނަ މިނިޓުގަ ޕެނެލްޓީ އެއް ލިބުނު ނަމަވެސް އަހުމަދު ފަރީޝް ފޮނުވާލި ޕެނެލްޓީ ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ގަރާންޑޭގެ ދެވަނަ ލަނޑު އެޓީމަށް 30 ވަނަ މިނިޓުގައި ކާމިޔާބު ކޮއްދިނީ ބިދޭސީ ކުޅުންތެރިއާ އަގީލް އަބްދުލް ރަހްމާން އައްބާސީއެވެ. ޖެހިގެން އައި މިނިޓުގައި ގްރާންޑޭ އަށް ތިން ވަނަ ލަނޑު ޖަހައިދިނީ މުސްރިފް މޫސާ އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އެލްޓީން ރަނގަޅަށް ކުޅެމުން ގޮސް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 59 ވަނަ މިނިޓުގައި ފަރީޝްއެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ހާފްގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހުސްކޮށްހުރެ ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ގޯލަށް ވައްދާލައިގެންވެ.

މެޗުގެ 60 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ގްރާންޑޭގެ ބިދޭސީ ޑިފެންޑަރ މަހްމޫދު ސައިދު މުހައްމަދު އަބްދުލް ރަހީމް ބޮލުން ގޯލަށް ވައްދާލާ ގްރާންޑޭ އަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮއްދިނެވެ. އޭގެ ދެމިނިޓު ފަހުން ހަސަން އިމްރާން އޭރިއާ ތެރެއަށް ވަދެ ކާމިޔާބު ކޮއްދިން ލަނޑާއެކު ގްރާންޑޭއިން ފަސްވަނަ ލަނޑު ޖެހިއެވެ.

ގްރާންޑޭ އިން ޖެހި ހަވަނަ ލަނޑަކީ ހާފުގެ މެދެއްހާ ހިސާބުގައި ހުރެ އެޓީމުގެ ބިދޭސީ އެޓޭކިން މިޑްފީލްޑަރ ޖޯސެފް ތޮއާހް ކާމިޔާބުކޮއްދިން ހިތްގައިމު ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ 66 ވަނަ މިނިޓުގައެވެ.

މެޗުގެ 88 ވަނަ މިނިޓުގައި ގްރާންޑޭގެ ހަތް ވަނަ ލަނޑުޖެހީ ޒުވާން ކުޅުންތެރިއާ މުހައްމަދު ޔަޒްދާން އަހުމަދެވެ. މެޗުގެ 90 ވަނަ މިނިޓުގައި އެލްޓީގެ ދެވަނަ ލަނޑު ޖެހީ ފަރީޝްއެވެ.