ސީ-ޓު-އެއަރ ކާގޯ ޚިދުމަތާ ގުޅުނު އެއަރލައިންތަކުގެ އަދަދު 11އަށް އަރައިފިއެވެ.
މިއަހަރުގެ މެއިމަހު ރާއްޖޭން ފެށި ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް އޮންނަ ޑިމާންޑު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ފަހުން މި ޚިދުމަތާއި ގުޅިފައިވާ އެއަރލައިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
ރާއްޖޭގައި މިޚިދުމަތްދެމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.
ބްރިޓިޝް އެއަރވޭސްއިން މިޚިދުމަތާ ގުޅުމާއި ގުޅިގެން އެމްއޭސީއެލްއިން ވިދާޅުވީ ބްރިޓިޝް އެއަރވޭސްގެ ފްލައިޓެއްގައި ރާއްޖޭން 8.2 ޓަނުގެ މުދާ ކެނެޑާއަށް ފޮނުވާފައިވާކަމަށެވެ.
Welcoming @British_Airways to our sea-to-air cargo transshipment network! With 8.2 tonnes of goods en route from Sri Lanka to Canada, this milestone underscores our dedication to bolstering global cargo connectivity and delivering time-sensitive shipments from South Asia to the… pic.twitter.com/DgWXlknx1K
— Velana Airport (@VelanaAirport) November 10, 2024
އެމްއޭސީއެލްއިން ވިދާޅުވީ މިޚިދުމަތަށް އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެކުނު އޭޝިއާއިން ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ އުފުލުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މަޤްބޫލު މަންޒިލަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް އާއްމުކޮށް ރާއްޖޭން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. މިފަހުންވަނީ އިންޑިއާއިން ރާއްޖެއަށް ގެނައި މުދާތަކެއް ޖަރުމަންވިލާތަށްވަނީ ފޮނުވާފައެވެ. މިމުދާތައް ފޮނުވާފައިވަނީ ކޮންޑޯ އެއަރލައިން މެދުވެރިކޮށެވެ.
މިޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުންދާއިރު، ނިމިދިޔަ އޮކްޓޫބަރ މަހު އެކަނިވެސް، 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ / 34946 ދާގީނާ) ވައިގެ މަގުން ރާއްޖޭން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.