ޚަބަރު

އިންޑޮޝިޔާގައި އަލިފާން ފަރުބަދައެއް ގޮވައި މަރުވި މީހުންގެ އަދަދު ނުވައަކަށް


އިންޑޮނީޝިޔާގައި ހުންނަ ބޮޑު އަލިފާން ފަރުބަދައެއް ކަމުގައިވާ ލެވޮތޮބީ ލަކި-ލަކީ ގޮވަން ފެށުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެއީ, އިރުމަތީ ނޫސާ ތުންގާރާ ޕުރޮވިންސުގައި ހުންނަ އަލިފާން ފަރުބަދައެކެވެ. ހުސްވި ހަފުތާގައި އެ އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު ހިނގި ހާދިސާތަކުގައި މިހާތަނަށް ނުވަ މީހުން ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ, އަލިފާން ފަރުބަދަ ކައިރީގައި ހުންނަ އަވަށްތަކެއްގައި ދިރިއުޅޭ ބަޔެކެވެ.

މައުންޓް ލެވޮތޮބީ ލަކި-ލަކީ ގޮވަންފަށައި, އަރަމުންދާ އަޅި 9 ކިލޯމީޓަރު އުހަށް ފެތުރެމުންދާ ކަމުގައި އިންޑޮނީޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ. އެ އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު, ނުރައްކާ އޮތް ސަރަޙައްދުގައިވާ އަވަށްތަކުގައި ދިރިއުޅޭ 16,000އެއްހާ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ނޮވެންބަރު 8ވަނަ ދުވަހު ވެސް, އެ އަލިފާން ފަރުބަދަ ތިން ފަހަރަކު ގޮވާފައިވާ ކަމަށާއި, އަލިފާން ފަރުބަދައިން އަޅިއާއި ދިޔާ އަލިފާން ފައިބަމުންދާ ކަމުގައި އެ ޤައުމުގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އަދި, އަލިފާން ފަރުބަދަ ކައިރީގައި ހުރި އަވަށްތަކުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

"މައުންޓް ލެވޮތޮބީ ލަކި-ލަކީގެ ހުޅަނގާއި އިރުހުޅަނގުން ދިޔާ އަލިފާނާއި ހޫނު އަޅި އަދިވެސް ދަނީ ފައިބަމުން،" އިންޑޮނީޝިޔާގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު ވާފިދު ވިދާޅުވިއެވެ. އެ ކަމާ ގުޅިގެން, އަލިފާން ފަރުބަދައިގެ ކްރޭޓަރ, ނުވަތަ މަދާ ވަށައިގެންވާ 9 ކިލޯމީޓަރުގެ ސަރަޙައްދަކީ ނުރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ވާފިދު ވިދާޅުވީ, އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އަލިފާން ފަރުބަދައިން ފައިބަމުންދާ ދިޔާ އަލިފާނާއި އަޅީގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ 10,700އަށްވުރެ ގިނަ މީހުން މިހާތަނަށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަން ވާފިދު ހާމަކުރެއްވިއެވެ. ނޮވެންބަރު 7ވަނަ ދުވަހު ވެސް އެ އަލިފާން ފަރުބަދަ އެތަކެއް ފަހަރަކު ގޮވައި, 10 ކިލޯމީޓަރު އުހަށް އަޅި އަރަމުން ދިޔައެވެ.