އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 2025 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.7 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ. 2025 ވަނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.
* ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުން
* އާސަންދަ ނިޒާމު މުރާޖަޢާކޮށް މިހާރަށްވުރެ ވަށާ ޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން
* ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރގެ ހިރާސްތައް ހެޖްކުރުން
* ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ތަކުރާރު، އިސްރާފު ނުވާނެހެން މުރާޖަޢާކުރުން
* އެސްއޯއީތައް ރިފޯމުކުރުން
މި ފިޔަވަޅުތަކާއެކު އަންނަ އަހަރުގެ ބަޖެޓަކީ ޒިންމާދާރު ބަޖެޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ގޮސް ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުމެވެ.