ޚަބަރު

ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދެއްވައިފި


  • ރުހުން ދެއްވީ ޑރ. ޚަލީލާއި، ޒަމީރާއި ނާޒިމަށް

  • ކެބިނެޓަށް ބަދަލު ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު

ރައީސުލްޖުމްޖުމްހޫރިއްޔާ، ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި، ޑރ. ޢަބްދުﷲ ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙީ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. ވަޒީރުންނަށް ރުހުން ދެއްވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ކެބިނެޓަށް ގެންނެވި ބަދަލާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން، ކުރިން ޚާރިޖީ ވަޒީރަކަށް ހުންނެވި މޫސާ ޒަމީރު، މާލީ ވަޒީރަކަށް ހަމަޖައްސަވައި ސިއްޙަތާ ބެހޭ ވަޒީރަކަށް ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޚާރިޖީ ވަޒީރަކަށް ހަމަޖައްސަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް ސިއްޙަތާ ބެހޭ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވިއެވެ.

އެ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރެއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންންވެ. އެ ކޮމިޓިންވެސް މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދެއްވުމަށެވެ. ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވަނީ ތިން ވަޒީރުންނަކީވެސް މީގެކުރިން ވަޒީރުކަން ކުރައްވާފައިވާ ގާބިލު ބޭފުޅުން ކަމަށެވެ.

ޤާނޫނުގައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވިނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.