ކުރީ ސަރުކާރުގައި ގިނަ ޢަދަދެއްގެ ޕޮލިސްޓޭޝަންތަކެއް އެޅުމަށް ހަވާލުކުރި ކުންފުނިން، ކުރަމުން އަންނަނީ އޭރުގެ ސަރުކާރުގެ އިސްވެރިއެއްގެ އާއިލީ ކުންފުނިން ހިއްސާގަނެގެން މާލޭގެ ގެއެއް ޢިމާރާތްކުރުމުގެ މަސައްކަތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
2019 އަހަރުގެ ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން އެޅުމަށް އޭރުގެ ސަރުކާރުން ހަވާލުކުރީ އިންޑިއާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސް، އިންދްރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏާއެވެ. އެ ޕޮލިސްޓޭޝަންތައް އެޅުމަށް ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުމާއި ގުޅޭ ތަފްސީލް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ ކުރީ ސަރުކާރުގައި 61 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢުގެ ތަފްސީލް ހޯދުމަށް ސުވާލުކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ އޭރުގެ އިކޮނޮމިކް މިނިސްޓްރގެ ދަށުންކަމަށެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން 2021 ވަނަ އަހަރު އެ މަޝްރޫޢު ފުލުހުންގެ ޚިދުމަތުގެ ދަށުން ހިންގުމަށް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކާއެކު މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ލިޔެކިޔުންތަކުން ގެންނަން އެބައޮތްކަމަށާއި، އެއްބަސްވުމާ އެއްގޮތަށް އޭރުގެ ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް އެ މަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށްވެސް ފަށާފައިނުވާކަމަށާއި، ދައުލަތުގެ ފައިސާ ވީ އެކުންފުނީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ފައިސާއަށް ހެދި ގޮތުގެ އެއްވެސް ތަފްސީލެއް އެ ކުންފުނިން މިހާތަނަށް ދީފައިނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއާއެކު އެކުންފުނިން ކުރަމުންދަނީ ކޮންކަމެއްތޯ ބެލުމުން އެނގުނީ ބިގް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ އެކުންފުނިން ގަނެފައިވާކަންކަމަށާއި، އަދި މޫނިމާކިޔާ ގެއެއް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
ބިގް ކުންފުންޏަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލްގެ ޢާއިލާ ހިއްސާވާ ކުންފުންޏެކެވެ. އަދި މޫނިމާގެއަކީ ދިގު މުއްދަތަކަށް ނަގައިގެން ކުރީގެ މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ އާއިލާއިން ހަދަމުންދާ ގެއެކެވެ.
"ދެން ކޮންކަމެއްތޯ އެ ކުންފުނިން ރާއްޖޭގައި ކުރަނީ ބަލާލިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަ އޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާރ އެކުންފުނިން ގަނެގެން މިހާރު މޫނިމާގެ ކިޔާ ގެއެއްގެ ޢިމާރާތް އެ ތަނުން ވަރަށް ބާރަށް ކުރިއަށް ގޮސް ނިމެމުންދާކަން." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަނެއް އަޅަން އިންޑިއާގެ ދެކުންފުންޏެއް ގުޅިގެން ހަދާފައިވާ ޕާޓްނަރޝިޕަކަށް ދިވެހި ސަރުކާރުން 50 މިލިއަން ރުފިޔާ ދީ އެއަށް ވީނުވީ ނޭގޭތީ އެ މައްސަލަ ބަލާ ތަޙްޤީކުރުމަށް ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަލީ އިޙްސާން ވިދާޅުވީ މި ޕޮލިސް ސްޓޭޝަންތައް އެޅޭނޭ އެއްވެސް މަގެއް ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.