ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާކަމަށާއި، އެހެންކަމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމު ކުރެވޭނީ އަންނަ މަހުކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ކުރިން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިމަހު ޢާންމު ކުރެވޭނެކަމަށެވެ.
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓް އަލުން ބަލައި، ޙައްޤު ފަރާތްތަކަށް ފްލެޓު ލިބޭކަން ކަށަވަރުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ފައިނަލް ލިސްޓު ނެރެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައިކަމަށް އެވުޒާރާއިން ނެރުއްވި ބަޔާނުގައިވެއެވެ.
2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާނުކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.
މިނިންމުމާއި ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7500އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް 300އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ.
އާއްމުންގެ ޝަކުވާތައް ބޮޑުވެ ފްލެޓް ލިސްޓުގެ މައްސަލައިގެތެރެއަށް އޭސީސީން ވަދެ އެ މަސައްކަތް މެދުކަނޑާލަން އެންގީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށްވެފައިވަނިކޮށެވެ. އެއީ އޭސީސީން ތަކުރާރުކޮށް އެންގުމުންވެސް މައްސަލަތައް ބެލުމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކަށީގެން ފިޔަވަޅު އެކަމުގައި އަޅާފައިނުވާތީކަމަށްބުނެއެވެ.
އަދި އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4000ފްލެޓްގެ ލިސްޓަށް ހޮވި %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ %20.7 ފޯމުގައެވެ. ފްލެޓްގެ ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އެހެންކަމުން ފްލެޓު ލިސްޓު ރީ-އެވަލުއޭޓްކުރުމުގެ މަސައްކަތް، ހައުސިން ކޮމިޓީއެއް އެކުލަވާލާގެން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ފެށިއެވެ.
4000 ފްލެޓް ލިސްޓުގެ މައްސަލައިގައި ކޮމިޓީގެ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިންމާފައެވެ. އަދި ކޮމެޓީގެ ނިންމުންތައްވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު އަޙުމާދަށާއި އެވުޒާރާއަށް ހުށައަޅާފައެވެ. އަދި އަންނަ މަހު މި ލިސްޓު ނެރެވޭއިރު، ފްލެޓު އޭގެ ޙައްޤުވެރި ފަރާތްތަކަށް ލިބޭކަން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ދެއްވައެވެ.