ޚަބަރު

ސިޔާސީ މުވައްޒަފުންނަށް ކުރަނީ ދައުލަތުގެ ޚަރަދުގެ %1


  • ޚަރަދު ކުޑަކުރުމަށް ކާމިޔާބު ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައި

  • ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ރައީސް ވަނީ ނިންމަވާފައި

ދައުލަތުން ސިޔާސީ މުވައްޒަފުންނަށް ޚަރަދު ކުރަނީ މުޅި ދައުލަތުގެ ޚަރަދުގެ އެންމެ އިންސައްތައެއްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރަށް ލަފާކުރާ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިހުރި ގިނަ ރިފޯމްތައް ނުވަތަ އިސްލާހުތައް ތަންފީޒުކުރަން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފަށައިގެން ކުރަންޖެހުމުން އެ ކަންކަން ތަންފީޒުކުރަން ބަޖެޓުގައި ރާވާފައިވާ މިންވަރަށްވުރެ ލަސްވެފައިވާ ކަމަށެވެ. މި ރިފޯމްތަކުގެ ވާހަކައަކީ އަހަރުތަކެއް ވަންދެން ކުރީގެ ސަރުކާރުން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ މަސައްކަތްތައް ކޮށްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ޚަރަދު ކުޑަކުރުމަށް ކާމިޔާބު ގިނަ ފިޔަވަޅުތަކެއް މިހާރުވެސް ތަންފީޒުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދަތުރުފަތުރާއި ހަފްލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތްކުރަމުންދާއިރު، އޭގެ ނަތީޖާ ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިގޮތަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ބައެއް މުއައްސަސާތަކުގެ ވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް 2 އަހަރު ދުވަހުގެ މުއްދަތަށް ދައްކުރަން ނިންމަވާފައިވަނީވެސް ޚަރަދުތައް ކުޑަކުރުމަށް ވަޒީރު ވިދާޅުވިއެވެ. ސިޔާސީ ފަރާތްތަކަށް ދައުލަތުން ޚަރަދުކުރަނީ މުޅި ދައުލަތުގެ ޚަރަދުގެ ތެރެއިން %1 ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

"ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ %4 އަށްވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ޚަރަދުގެ %1. މި ބަދަކު ގެނައީވެސް ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި،" މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުދިގެން ދިއުމަކީ ރައްޔިތުންގެ އާންމު ހާލަތާއި އިޖުތިމާއީ ހަޔާތާއި، އިޤްތިސާދީ ކުރިއެރުމާ ގުޅިލާމެހިފައިވާ ކަންކަން ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ މިންވަރާއި ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.