ދުންފަތާބެހޭ ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށާއި، މި ދައުރުގައި ތަފާތު ފެންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދާޚިލީ ސަލާމަތާ ގުޅުންހުރި ދާއިރާތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށާއި، ދުންފަތް ހިމެނޭ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރު 21 އަހަރަށް ބަދަލު ކުރުމަށާއި، ވޭޕް މަނާކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މިހާރުވެސް ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނެއް އޮތްއިރު އެ ޤާނޫނު ތަންފީޒު ނުކުރެވޭކަމުގެ ޝަކުވާތައް ރައްޔިތުން ކުރާކަން ފާހަގަކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ތަންފީޒުކުރުމުގައި ދަތިތައް ހުންނަގޮތަށް ބައެއް ޤާނޫނުތައް ހުންނަ ކަމަށެވެ. ނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރުމަށް ޔުނިފޯމް މުއައްސަސާތަކަށް ޒިންމާތަކެއް މަތިވާނެ ކަމަށާއި، އެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، އެ ގާނޫނުގައި އޮންނަ އަކުރާ ފިއްޔާ ދިމާވާ ވަރަށް ރައީސުލްޖުމްހޫރިއްޔާގެ މި ޒައާމަތުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން އެކަން ކުރައްވާނެ. ތި ބޭފުޅުންނަށް ތަފާތު މަންޒަރެއް ފެނިގެންދާނެ ދުންފަތް ކޮންޓްރޯލްކުރުމުގައިވެސް އަޅުގަނޑުމެން ތަންފީޒީ އިދާރާތަކުން މަސައްކަތްކުރާ ގޮތުގައި،" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ސިނގިރޭޓުގެ އަގު ބޮޑުވެ، އޭގެ ބްލެކް މާކެޓެއް އުފެދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިހާރުވެސް އެފަދަ މާކެޓެއް އުފެދިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެކަން އާންމުވިޔަ ނުދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްވެސް ގިނަ ފިޔަވަޅުތަކެއް މިހާރު އަޅުއްވަމުންގެންދަވާއިރު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއެކު އެތަކެތިވެސް ވެއްދުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.