ޚަބަރު

ފުލުހުންނާގުޅޭ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކޮށް، މިއަހަރު 48 ފުލުހަކަށް ފިޔަވަޅު އަޅައިފި


  • ފިޔަވަޅު އެޅި ފުލުހުންގެ ތެރެއިން 17 ފުލަހަކު ޚިދުމަތުން ވަކި ކޮށްފައިވޭ

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކޮށް މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާ ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ގިނަ ފަހަރަށް ޢާންމު ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެފަދަ މައްސަލަތަކާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް އިސްކަންދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 17 ފުލުހަކު ފުލުހުންގެ ޚިދުމަތުން ވަކި ކޮށްފައިވާކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާޢު ދެއްކެވި ވާހަކައިގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ސީޕީ ހިއްސާކުރެއްވި މަޢުލޫމާތު:

• ރާ، ބަނގުރާ ފުޅި ހިމެނޭހެން 8،300 އަށްވުރެ ގިނަ ތަކެތި އަތުލައިގަނެފައިވޭ
• އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 328 މިލިޔަން ރުފިޔާއަށް އަރާ
• މަސްތުވާތަކެއްޗާގުޅޭ 355 މައްސަލައިގެ ތަޙުޤީޤު ނިންމާ ޕީޖީއަށް ފޮނުވާފައިވޭ
• މާލެއާއި އަތޮޅު ތެރޭގައި މަސްތުވާތަކެއްޗާގުޅޭ 155 އޮޕަރޭޝަނެއް ހިންގާފައިވޭ
• މަސްތުވާތަކެތީގެ ތަޙުޤީޤުތަކަށް 12،000 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައިވޭ
• މަސްތުވާތަކެއްޗާ ގުޅިގެން 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ
• ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 145 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވޭ

މީގެ އިތުރުން ސީޕީ ވަނީ އަލަށް ފުލުހުން ޚިދުމަތަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރުވެސް 360 އަށްވުރެ ގިނަ ފުލުހުން ތަމްރީން ހަދަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

"ޓްރެއިނިން ހަދައިގެން ޚިދުމަތަށް އަންނަ ކުދިން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާ ރަނގަޅުވާނެ. އެހެންކަމުން މިހާރު ފުލުހުންގެ ޚިދުމަތުގައި ޓްރެއިނިން ނުހަދައި ތިބި ފުލުހުންނަށް ތަމްރީން ދެވޭތޯ މިދަނީ މަސައްކަތް ކުރަމުން." ސީޕީ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ޚިދުމަތުން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މުއައްސަސާއަށް ބޭނުންވާ ވަޞީލަތްތައް ހޯދައި، ފުލުހުންނަށް ދެވޭ ތަމްރީންތައް ދަނީ އިތުރުކުރަމުންނެވެ. އަދި ކުށްތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ އަދަދުވެސް މިހާރު އިތުރެވެ.