ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރަން ދިރާސާތައް ހެދުމަށް ތައްޔާރުވެއްޖެ


  • މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރަނީ ޗައިނާ ސަރުކާރުގެ އެހީގައި

  • މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވޭ

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައްޔާރުވެފައިވާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މަގުތައް އަލުން ހެދުމުގެ މަސައްކަތް ދާދިއަވަހަށް ފެށޭނެކަމަށެވެ. އެގޮތުން މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ފެށުމައް ތައްޔާރުވެފައިވާކަމަށް ނަޡީމް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ޓެކްނިކަލް މީހުން ރާއްޖެއައިސް ދިރާސާ ކުރުމުގެ ކަންކަން ލަސްތަކެއް ނުވެ ފެށޭނެކަމަށްވެސް ނަޡީމް ވިދާޅުވިއެވެ.

"މާލެގެ މަގުތަކުގެ މަސައްކަތްތައް ނިމުމުން މިހާރު މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް އަންނާނެ."އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ވިލިމާލޭ މަގު ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ޓޮޕޯގްރަފިކް ސަރވޭއާއި، ޖިއޯޓެކްނިކަލް، ހައިޑްރޮލޮޖިކަލް ސަރވޭގެ މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއަށް މި އަހަރުގެ ކުރީކޮޅު ހަވާލުކުރިއެވެ. ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން 5.6 ކިލޯމީޓަރުގެ މަގުހެދުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގައިވެސް މަގުތަކުގެ އަޑިން އަޅަންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެން ހިންދާ ނިޒާމް އެޅުމަށް ހަމަޖެހިފައިވެއެވެ.


މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތައް ހަލާކުވެފައި އޮތުމާއި ފެންބޮޑުވާ މައްސަލައެވެ. މި މައްސަލަތަކަށް މީގެ ކުރިންވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ވީނަމަވެސް މިހާތަނަށް އައިރުވެސް މިކަމަށް ދާއިމީ ހައްލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ސަރުކަރުން ނިންމެވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ބޮޑު މައްސަލަ ހައްލުކުރުމުގެ ގޮތުން މަގުތައް އަލުން ތަރައްޤީ ކުރުމަށެވެ. އަދި ދާއިމީ ހައްލު ހޯދުމުގެ ކުރިން މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތްތައް އަންނަނަނީ ކުރަމުންނެވެ. އެގޮތުން މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދާ ވަގުތީ ނިޒާމްތަކެއް ޤާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރކަމުގައި ހުންނަވައެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ ހުޅުމާލެ އެމްޓީސީސީ ފެރީ ޓަރމިނަލާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. ނިމުނު ސަރުކާރުގައި މަގުގެ ބާކީ ބައިގައި ތާރު އަޅަން ޕްލްނޭކުރިނަމަވެސް ބޮޑުތަކުރުފާނު މަގުގެ އިތުރު ސަރަޙަދެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެއް ނުވެއެވެ.